16 Jun 2015, 23:27
ސަރުކާރު ހިންގުމަށް ކެބިނެޓަށް ބަދަލުގެނައުމަކީ ކޮންމެ ރައީސް އަކުވެސް ކުރަން ޖެހޭ ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ނިޝާން އިއްޒުންދީން އިއްޒަތުގެ ވެރިޔާގެ ލަގަބު ލިބިވަޑައިގެންފައިވާ އުމަރު ޒާހިރުގެ ހަޔާތްޕުޅުގެ މައްޗަށް ފޮތެއް ނެރުއްވުމަށްފަހު ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އުމަރު ޒާހިރަކީ ހުންނަ މަގާމުން އެހެން މަގާމަކަށް ބަދަލުކުރެއްވިޔަސް ހިތްބުރަކުރައްވާ ބޭފުޅެއް ނޫން ކަމަށާއި ނަމަވެސް އެއީ ގިނަ ބަޔަކަށް "ދަތިކަމަކަށް" ވާ ކަމެއް ކަމަށެވެ. އެކަމަށް އިޝާރާތްކުރައްވައި ރައީސް މައުމޫން ވިދާޅުވީ ސަރުކާރު ހިންގާ ގޮތަށް ބައްލަވައި ކެބިނެޓަށް ބަދަލު ގެނައުމަކީ ކުރަންޖެހޭ ކަމެއް ކަމެއް ކަމަށެވެ.
"ސަރުކާރު ހިންގާ ފަރާތްތަކަށް ބައެއް ފަހަރު އެބަޖެހޭ މިކަހަލަ ކަންތައް ކުރަން. އެކި ދައުރުގައި އެކި އިސްކަންދޭ ކަންތައް ހުންނަ ގޮތުންނާއި އަވަސް ކުރައްވާ ކަންތައްތަކާއި އެހެންގޮތަށް ހުންނަވާ ކަންތައްތަކުގެ ގޮތުންނާއި، މިކަންކަން ހުންނަވާގޮތުން ކެބިނެޓަށް ބަދަލު ގެނައުމަކީ ކޮންމެ ރައީސް އަކަށްވެސް ކުރަންޖެހޭނެ ކަމެއް." ރައީސް މައުމޫން މިރޭ ވިދާޅުވިއެވެ.
އެފަދަ ކަންކަން ބަލައިގަތުމަކީ ވަރަށް ގިނަ ބަޔަކަށް ދަތިކަމެއް ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައިވެސް އެފަދަ ބަދަލުތައް ގެންނަން ޖެހުނު ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުން އެފަދަ ފިޔަވަޅުތަކުން މިސާލު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އިނގިރޭސި ވިލާތުގެ އެންމެ ފަހުގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ޑޭވިޑް ކެމަރަން ކުރީގެ ކެބިނެޓުން ވަރަށް ގިނަ ބޭފުޅުން ބަދަލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
ރައީސް މައުމޫން އެމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު މިދުވަސްވަރަކީ ނައިބު ރައީސް މުހައްމަދު ޖަމީލް ނައިބު ރައީސްގެ މަގާމުން ވަކިކޮށް އެމަގާމަށް އެހެން ބޭފުޅަކު ހަމަޖެއްސުމަށް އުޅޭކަމަށް ވަރަަށް ވާހަކަދެކެވޭ ދުވަސްވަރެކެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލެވޭ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލު ކުރުމަށް ސަރުކާރު ހިންގާ ކޯލިޝަންގެ މެމްބަރަކު ވަނީ މަޖިލީހަށް އިސްލާހެއްވެސް ހުށައަޅާފައެވެ.
ދާދި ފަހަކުން ވަނީ ނައިބު ރައީސް ޖަމީލް އާއި ގާތްގުޅުމެއް އޮންނަ އަދި މިސަރުކާރުގެ ފުރަތަމަ ޒުވާނުންގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ކުއްލިގޮތަކަށް އެމަގާމުން ވަކިކުރައްވާފައެވެ.