އަންނަ ބުރާސްފަތި ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިއުލާން ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިރޭ ބޭއްވި ހަނދު ސާބިތުކުރުމުގެ ބައްދަލުވުމަށް ފަހު އެކަމާ ގުޅޭ ބަޔާން އިއްވަވަމުން އިސްލާމިކު މިނިސްޓަރުގެ ނައިބު އިބްރާހިމް އަހްމަދު ވިދާޅުވީ ރާއްޖޭގެ އިތުރުން އިސްލާމީ އެއްވެސް ގައުމަކަށް މިރޭ ރަމަޟާން މަހުގެ ހަނދު ފެނިފައިވާ ކަމުގެ ރަސްމީ ޚަބަރު ލިބިފައި ނުވާ ކަމަށެވެ.

އެހެންކަމުން މާދަމާ އަކީ މިއަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމުގައި ވަނީ ކަނޑައަޅާފައެވެ.

ހަނދާބެހޭ ބަޔާން ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް އަހްމަދު އިއްވަވައިދެއްވަނީ --- ސަން ފޮޓޯ

"އަޅުގަނޑު ގަދަ ކީރިތިވަންތަ ﷲ ގެ ހަޞްރަތުން ވާގި އެދި ހުރެ ދިވެހިރާއްޖެއަށް ހިޖުރީ ސަނަތުން 1436 ވަނަ އަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަހަކީ މީލާދީ ސަނަތުން 2015 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވާ ބުރާސްފަތި ދުވަސް ކަމަށް ނިންމައިފީމެވެ،" ބަޔާން އިއްވަމުން އޭނާ ވިދާޅުވި އެވެ.

އިބްރާހީމް އަހްމަދު ވަނީ މިއަހަރުގެ ރޯދަ މަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި ފަރުޟު ރޯދަ ހިފުމުގައި ފަރުވާތެރިވުމަށް ވެސް ވަނީ އެދިވަޑައިގެންފައި އެވެ.

"މި މާތް މައްސަރުގައި ﷲ ސުބުހާނަހޫ ވަތާއަލާގެ ރުއްސެވުމާއި މަގު ފިރަތަށް އެދި ހެޔޮ ކަންތައްތައް ގިނަ ކުރުމުގެ މައްޗަށް އަޅުގަނޑުގެ އަމިއްލަ ނަފުސަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރަމެވެ." ބަޔާން އިއްވަމުން އިބްރާހީމް އަހްމަދު ވިދާޅުވިއެވެ.