އައްޑު އަތޮޅުގެ އިންޖީނުގެތަކަށް ކަރަންޓު ކޭބަލް ގަތުމަށް ސަދަން ޔުޓިލިޓީސް އިން ހުޅުވާލި 4.9 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް “ވަރަށް ބޮޑަށް” އަމަލުކޮށްފައިވާ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެޕްރޮޖެކްޓް ހުއްޓުވައި، އަލުން ބިޑަށް ލައިގެން ކުރިއަށްގެންދިއުމަށް އަންގައިފި އެވެ.

"އެ ޕްރޮޖެކްޓުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަރަށް ބޮޑަށް އަމަލުކޮށްފައިވާ ކަމަށް ފެންނާތީ އަލުން ބިޑަށް ލައިގެން، އެ ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ވަނީ އަޅުގަނޑުމެން އިއްޔެ ސަދަން ޔުޓިލިޓިސް އަށް އަންގައިފައި،" އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވި އެވެ.

މުއައްވިޒު މިއަދު ވިދާޅުވީ، އެ ޕްރޮޖެކްޓްގެ މައްސަލަ ކޮމިޝަނުން އަދިވެސް ތަހުގީގުކުރަމުންދާ ކަމަށާއި އެ ތަހުގީގަށް ހުރަސްއެޅިދާނެތީ، އެ ޕްރޮޖެކްޓް ހަވާލުކުރުމުގައި ހިންގައިފައި ވަނީ ކޮން ކޮރަޕްޝަނުގެ އަމަލުތަކެއް ކަން އަދި ވިދާޅުވެވެން ނެތް ކަމަށެވެ.

"ކޮރަޕްޝަނުގެ އަމަލުތަކާ ބެހޭ އެ މައުލޫމާތު އަޅުގަނޑުމެންގެ ތަހުގީގަށް ހުރަސް އެޅިދާނެތީ އަދި ހާމަކުރެވޭކަށް ނެތް." މުއައްވިޒު ވިދާޅުވި އެވެ.

ލީނިއާ ޓެކް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައިވާ އެ ޕްރޮޖެކްޓް ވަގުތުން ހުއްޓާލުމަށް އަންގައި ސަދަން ޔުޓިލިޓީސް އަށް އިއްޔެ ފޮނުވި ސިޓީގައި، އޭސީސީއަށް ފާހަގަކުރެވުނު ހިޔާނާތުގެ އަމަލުތައް ބަޔާންކޮށްފައިވާނެ ކަމަށާއި މައްސަލަ އެއްކޮށް ނިމުމުން ކޮމިޝަނުން ވަރަށް އަވަހަށް ބަޔާނެއް ނެރޭނެ ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ސަދަން ޔުޓިލިޓީސްގެ ޗެއާމަން އަހްމަދު ޒަރީރަށް ގުޅުމުން ފޯނު ނުނަންގަވާތީ، އޭނާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އަދި ޕްރޮޖެކްޓް ހުއްޓާލިކަން ވެސް ވަނީ ކަށަވަރުކުރެވޭ ގޮތް ނުވެފަ އެވެ.
ނަމަވެސް، ވަރަށް މުއުތަބަރު ފަރާތަކުން ސަން އަށް މައުލޫމާތު ދިން ގޮތުގައި، އެ ޕްރޮޖެކްޓުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދެ އެވެ. އަދި އެ ޕްރޮޖެކްޓް މަޑުޖައްސާލަން އޭސީސީން މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު އަންގައިފަ ވަނިކޮށް ވެސް، އެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ބުންޏެވެ.

އެގޮތުން އޭސީސީން އެ ޕްރޮޖެކްޓް ހުއްޓާލުމަށް އަންގައިފައި ވަނިކޮށް، ލަންކާ އިން އެތެރެކުރަން އުޅޭ ކޭބަލްތައް ޗެކުރުމަށް ސަދަން ޔޫޓިލިޓީސްގެ މުވައްޒަފަކު މިދިޔަ މަހުގެ 24 ވަނަ ދުވަހު ލަންކާއަށް ގޮސްފައިވާކަން ވެސް ވަނީ ކަށަވަރުވެފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، އިންޖީނުގެތަކަށް ކަރަންޓު ކޭބަލު ހޯދުމަށް ޓަކައި 4976800ރ. އަށް އެ ޕްރޮޖެކްޓް ލީނިއާ ޓެކަށް އެވޯޑްކޮށްފައިވާ ނަމަވެސް، ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ގެންދަނީ ސިމްޑީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ.

އެ ޕްރޮޖެކްޓްގެ ފުރަތަމަ އިންސްޓޯލްމެންޓްގެ ގޮތުގައި 1658767.44ރ. (އެއް މިލިއަން ހަ ލައްކަ ފަންސާސް އަށްހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ ސާޅީސް ހަތަރު ލާރި) ސިމްޑީއަށް ދެއްކުމަށް ސަދަން ޔުޓިލިޓީސް އިން ތައްޔާރުކޮށްފައިވާ ޕޭމަންޓް ވައުޗާއެއްގެ ކޮޕީ ސަން އޮންލައިނަށް ވަނީ ލިބިފަ އެވެ. އަދި އެ ފައިސާ ޖަމާކުރުމަށް ހުއްދަ ދިން ތާރީޚުގެ އެއް ދުވަސް ކުރިން ސިމްޑީ އެކައުންޓަށް އެ އަދަދަށް ފައިސާ ޖަމާކޮށްފައިކަން އަންގައިދޭ ބޭންކް އޮފް މޯލްޑިވްސްގެ ސްލިޕެއް ވެސް ވަނީ ލިބިފަ އެވެ.

ލީނިއާ ޓެކަކީ އެ ޕްރޮޖެކްޓަށް ބީލަން ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ދެ ވަނަ އަށް އެންމެ ބޮޑު އަގެއް ހުށަހެޅި ކުންފުނި ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި ސިމްޑީން އެ ޕްރޮޖެކްޓުގެ މަސައްކަތްކުރިއަށް ގެންދަނީ ސަދަން ޔޫޓިލިޓީސް އިން ހުއްދަ ދީގެން ކަމަށް ވެސް ސަން އަށް ވަނީ އެނގިފަ ވެއެވެ.