16 Jun 2015, 17:16
އިސްލާމިކު މަރުކަޒު ފިނި ކުރުމަށް ބޮޑު ދެ ފަންކާ އެ މިސްކިތުގައި ހަރުކޮށްފި އެވެ.
މިއަދު އިސްލާމިކު މަރުކަޒުގައި މިކަން އިފްތިތާހު ކޮށްދެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ އިސްލާމިކު މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ އިސްލާމިކު މަރުކަޒުގައި ފަންކާ ހަރުކުރަން ޖެހުނީ ގިނަ އަދަދެއްގެ ބަޔަކު އެކަމަށް އެދުމުން ކަމަށެވެ. އަދި ވިދާޅުވީ އެ ފަންކާ ހަރު ކުރުމުގައި ކަމާ ބެހޭ ފަންނީ ފަރާތްތަކާ މަޝްވަރާ ކުރެއްވި ކަމަށެވެ.
އިސްލާމިކު މިނިސްޓަރު މިއަދު މީޑިއާ އަށް މައުލޫމާތު ދެއްވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
"އަޅުގަނޑުމެން އުއްމީދު ކޮށްގެން ތިބީ ރަމަޟާން މަސް ތެރޭ މިކަން ވެގެން ދާނެ ކަމަށް. ނަމަވެސް އެކަން ﷲ ގެ އިރާދަ ކުރައްވައިގެން ރޯދަ މަސް އައުމުގެ ދެތިން ދުވަސް ކުރިން ވެގެން މި ދިޔައީ. އުއްމީދު ކުރަނީ ހާއްސަކޮށް ތަރާވީހު ނަމާދާއި ދަމު ނަމާދުގައި މިކަމުގެ ސަބަބުން އާންމުންނަށް މިކަމުގެ ފަސޭހަ ލިބިގެންދާނެ ކަމަށް. އަދި އެހެން ނަމާދު ތަކުގައި ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.
މިއީ މި ވައްތަރުގެ ފަންކާއެއް ރާއްޖޭގެ މިސްކިތެއްގައި ހަރު ކުރި ފުރަތަމަ ފަހަރެވެ. އެ ފަންކާގެ ދިގު މިނުގައި 16 ފޫޓު އަދި ބަރުދަނުގައި 150 ކިލޯ ހުރެ އެވެ.
އެ ފަންކާ އަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ހަރުކޮށްފައިވާ ފަންކާތަކެކެވެ. ފަންކާއެއްގެ 150،000 ރުފިޔާ އެވެ.