ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ހޮންކޮން ކުޅޭ މެޗްގައި ހޮންކޮންއަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ ރައްޖޭގެ ކެޕްޓަން ޢަލީ އަޝްފާާޤު (ދަނގަޑޭ) ކަމަށް ހޮންކޮންގް ކެޕްޓަން ޗަން ވޯ ހޯ ބުނެފި އެވެ.

މެޗްގެ ކުރިން ވާހަކަ ދައްކަމުން ޗަން ބުނީ އޭއެފްސީ ކަޕް ދަނގަޑޭއާ ދެކޮޅަށް އޭނާ ކުޅެފައިވާ ކަމަށާއި ދަނގަޑޭގެ ހުނަރުވެރިކަމާމެދު ސުވާލެއްވެސް ނުއުފުދޭ ކަމަށެވެ.

"ހަގީގަތުގައިވެސް އަހަރެމެން އެބަޖެހޭ އޭނާ [ދަނގަޑޭ] އަށް ވަރަށް ކައިރިން ބަލަން. އޭނާއަކީ ކޮންމެ ވަގުތެއްގައިވެސް ނުރައްކާ ކޮށްފާނެ ކުޅުންތެރިޔެއް،" ހޮންކޮންގެ ދުވަހު ނޫސް 'ދަ ސްޓޭންޑަޑަށް' ދިން އިންޓަވިއުގައި ޗަން ބުނެފައިވެ އެވެ.

ޗަން ބުނީ ރާއްޖެއަކީ ކުޅުންތެރިން މާކު ކުރުމުގައިވެސް ވަރުގަދަ ގައުމެއް ކަމަށާއި އެކަން ގަތަރު މެޗްގައި ވެސް ސަބިތުކޮށްދީފައިވާ ކަމަށެވެ.

ހޮންކޮން ގުރޫޕް ސްތޭޖްގައި ކުޅުނު ފުރަތަމަ މެޗުން ބުޓާން އަތުން ވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފަ އެވެ.

ރާއްޖެ ވަނީ ފުރަތަމަ މެޗުގައި ގަތަރު އަތުން 1-0 ގެ ނަތިޖާ އަކުން ބަލިވެފަ އެވެ.