ކުށް ސާބިތުވެފައިވާ މީހުންގެ ހުކުމް ތަންފީޒުކޮށްނިމި އޭގެ ފަސް އަހަރުގެ ތެރޭގައި ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރެވޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ބޭރު ކޮށްލައިފި އެވެ.

އެ ބިލު މަޖިލީހުން ބޭރުކޮށްލީ ސަރުކާރަށް ތާއިދު ކުރާ 40 މެމްބަރެއްގެ ވޯޓުންނެވެ. އެ ބިލް މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ 21 މެމްބަރުންނެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކަށް އެ ހުކުމް ތަންފީޒުކޮށް ނިމުމުގެ ފަސް އަހަރު ފަހުން ކައުންސިލް އިންތިހާބުތަކުގައި ވާދަކުރެވޭނެ ކުރެވޭނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ ބޭނުންކުރުމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ނަމަ ރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލްގެ އިންތިހާބުގައި އެ މީހަކަށް ވާދައެއް ނުކުރެވޭނެ އެވެ.

ލާމަރުކަޒީ ގާނޫނަށް އެމްޑީޕީގެ ފަރާތުން ހުށަހެޅި އިސްލާހު ބޭރު ކޮށްލާފައިވާއިރު ސަރުކާރުގެ ފަރާތުން ވެސް ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފަ އެވެ.