02 Mar 2011, 16:37
ކުރީގެ އީޕީއެސް ސުކޫލް ހުރި މއ. ޗާނދަނީގޭގައި އިމާރާތް ކުރާ އަރަބިއްޔާ ސުކޫލުގެ ހަތް ބުރީގެ އައު އިމާރާތުގެ މަސައްކަތް 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެއްބަސްވެ މާލާ ހައި ރައިޒިން ކޮންސްޓްރަކްޝަން ކޮމްޕެނީއާ އެކު އެގްރިމެންޓުގައި މިއަދު ސޮއިކޮށްފި އެވެ.
މިއަދު މެންދުރު ފަހު ޕްލޭނިން ޑިޕާޓްމަންޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި 29 މިލިޔަން ރުފިޔާގެ އެ އެގްރިމެންޓުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްލަމް މުހަންމަދު ޝާކިރެވެ. އަދި މާލާ ހައިރައިޒިންގެ ފަރާތުން އެ އެގްރިމެންޓްގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަލީ އިސްމާއީލެވެ.
އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް އެޅުމަށް ބީލަމަށްލީ 12 ފަރާތުގެ ތެރެއިން މާލާ ހައިރައިޒިން ކޮމްޕެނީއާ އެ އިމާރާތުގެ މަސައްކަތް ހަވާކުކުރުމަށް ނިންމީ އެންމެ ކުޑަ އަގެއް ހުށަހެޅީ އެ ކުންފުނިން ކަމަށް ވާތީ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އައްސަތޭކަ ފަންސާސް ފަސް ކުދިންގެ ޖާގައިގެ އެ ސުކޫލްގައި 28 ކުލާސްރޫމް ހިމެނޭއިރު ނަމާދުކުރާ ތަނަކާއި ހޯލަކާއި ކޮމްޕިއުޓަރު ލެބާއި ލެބޯޓްރީއެއް ހުންނާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔެވޭނެ އިންތިޒާމާއި އަރައި ފޭބުމަށް ލިފްޓް ވެސް ހުންނާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.
މާލާ ހައިރައިޒިން އިން އަރަބިއްޔާގެ މަސައްކަތް ނުވަ މަސް ދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށް އެއްބަސްވީ އަރަބިއްޔާގެ މައްސަލައަކީ ގައުމީ މައްސަލައަކަށް ވާތީ ކަމަށް އެ ކުންފުނިން ބުންޏެވެ.
"އަޅުގަނޑެމެން މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި އެބޭފުޅުން ބޭނުންވާ ފެންވަރަށް އަރަބިއްޔާގެ މަސައްކަތް ނިންމައިދޭން މި އެއްބަސްވީ ގައުމީ މައްސަލައަކަށް މިކަންވެފައި ވާތީ. އަޅުގަނޑުމެން ސަރުކާރުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް މިކަމުގައި ބޭނުންވާނެ،" އަލީ އިސްމާއިލް ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލްގެ އައުއިމާރާތުގެ މަސައްކަތް މި އަހަރު ތެރޭ ނިމޭވަރު ވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުންޏެވެ.