16 Jun 2015, 16:19
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ނަމާދުކުރާ ތަކެއްޗާއި ބައެއް އަންނައުނު ޕީޕީއެމްގެ އަންހެނުންގެ ހަރާކާތުން ހަދިޔާކޮށްފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެތަކެތި ހަވާލުކޮށްދެއްވީ ޕީޕީއެމްގެ އަންހެނުންގެ ގޮފީގެ ރައީސާ އަދި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ. އެތަކެއްޗާ ހަވާލުވެވަޑައިގެންނެވީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެވެ.
ޕީޕީއެމުން ބުނީ އަންހެނުންގެ ހަރަކާތުން ހިންގި ފަންޑް ރެއިސްކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ނަމާދުކުރާ ތަކެތީގެ އިތުރުން ގިނަ އަދަދެއްގެ އަންނައުނާއި ބޫޓު ފަދަ ތަކެތި ހިމެނޭ ކަމަށެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް އަދި އެޕާޓީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ ދުންޔާ މައުމޫން --- ސަން ފޮޓޯ: ޔޫސުފް ސޮފްވާނު
އެރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ ޕީޕީއެމްގެ އަންހެނުންގެ ހަރާކާތުން އިސްނަގައިގެން ހިންގި އެ ޕްރޮގްރާމްގެ ދަށުން ހިޔަލުގައި ތިބި 57 ކުއްޖަކަށް ނަމާދު ކުރާތަކެތި ހޯދައިދެވިފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ހަތް އަހަރާއި 22 އަހަރާ ދެމެދުގެ ކުދިން ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ. އެއީ 28 އަންހެން ކުދިންނާއި 29 ފިރިހެން ކުދިންނެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ޔޫސުފް ސޮފްވާނު
އަންހެނުންގެ ހަރަކާތުން ހިނގި ފަންޑް ރެއިސިންގް ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި އެތަކެއްޗަކީ ގާތްގަނޑަކަށް 25،000 ރުފިޔާގެ ތަކެއްޗެވެ. އެތަކެއްޗަކީ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާއި ކައުންސިލް މެމްބަރުންގެ އެހީތެރިކަމާ އެކު ހަދިޔާކޮށްފައިވާ ތަކެއްޗެވެ.
"އަޅުގަނޑުގެ އުންމީދަކީ މުޖުތަމައުގައި އެކަހެރިވެގެންދާ އެފަދަ ކުޑަ ކުދިންނަށް އެހީ ފޯރުކޮށްދިނުން،" ފޮރިން މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ ދުންޔާ ވިދާޅުވި އެވެ.
އެރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ މުޖުތަމައުގައި އެންމެ އަޅާލުން ބޭނުންވާ ފަރާތްތަކަށް ޚާއްސަ އަޅާލުމާއި ރައްކާތެރިކަމެއް ދިނުމަށް ޕީޕީއެމްގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށެވެ. އެގޮތުން ޕީޕީއެމުން އިސްނަގައިގެން ކުޑަކުދިންގެ ހިޔާއަށް ނަމާދުކުރާތަކެތި ހަދިޔާކުރެއްވީތީ އެކަމަށް ޝުކުރުދަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ޔޫސުފް ސޮފްވާުނު