16 Jun 2015, 14:47
އައްޑޫ ސިޓީގެ ހުޅުމީދޫ އާއި އދ. މަހިބަދޫ އާއި ރ. އުނގޫފާރާއި އެ އަތޮޅު މީދޫ އާއި ބ. އޭދަފުށީގެ މަގުތައް ހެދުމަށް މޯލްޑިވްސް ރޯޑު ކޯޕަރޭޝަން (އެމްއާރުޑީސީ) އާ ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓުރީގައި މިއަދު އޮތް ރަސްމިއްޔާތުގައި މިނިސްޓުރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެމްއާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރު އިބްރާހިމް ނަޒީމެވެ.
އެމްއާރްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމީދޫގެ ހަތަރު މަގެއްގައި ގާއަތުރައިގެން 1.32 ކިލޯމީޓަރަށް ހަދާނެ އެވެ. އެ މަސައްކަތް ނިންމަން ޖެހޭނީ ފަސް މަހުގެ ތެރޭގަ އެވެ. މަސައްކަތުގެ އަގަކީ 11.3 މިލިއަން ރުފިޔާ އެވެ.
ހައުންސިން މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން އދ. މަހިބަދޫގެ 19 މަގެއް 1.32 ކިލޯމީޓަރަށް ގާ އަތުރާނެ އެވެ. އެ މަސައްކަތުގެ އަގަކީ 27.7 މިލިއަން ރުފިޔާ އެވެ. އެ މަސައްކަތް ނިންމަން ޖެހޭނީ އެއް އަހަރު ދުވަހުގެ ތެރޭގަ އެވެ.
ބ. އޭދަފުށީގެ މަގުތައް ހަދަނީ ތާރަ އަޅައިގެންނެވެ. އެ ގޮތުން އެ ރަށުގެ 15 މަގު 3.36 ކިލޯ މީޓަރަށް އެމްއާރްޑީސީން ތާރު އަޅަންޖެހޭނެ ކަމަށް ހައުންސިން އިން ބުންނޭޥޭ. އެ މަސައްކަތުގެ އަގަކީ 33 މިލިއަން ރުފިޔާ އެވެ. އޭދަފުށީގެ މަގުތަކުގައި ތާރަ އަޅައި ނިންމަން ޖެހެނީ އަހަރު ދުވަސްތެރޭގަ އެވެ.
ރ. އުނގޫފާރުގެ މަގުތައް ހަދަނީ ތާރަ އަޅައިގެންނެވެ. އެ ގޮތުން އެ ރަށުގެ 14 މަގެއްގައި 3.2 ކިލޯ މީޓަރަށް ތާރު އަޅާނެ އެވެ. އަހަރު ދުވަސް ތެރޭގައި ނިންމަންޖެހޭ އެ މަސައްކަތް އެމްއާރްޑީސީއާ ހަވާލުކޮށްފައި ވަނީ 32 މިލިއަން ރުފިޔާ އަށެވެ.
ރ. މީދޫގެ ހަ މަގެއްގައި 2.6 ކިލޯ މީޓަރަށް ތާރު އަޅައިގެން ހަދާއިރު މި މަސައްކަތުގެ އަގު 30 މިލިއަނަށް އަރަ އެވެ. އެއް އަހަރު ދުވަސް ތެރޭ އެ މަސައްކަތް ވެސް ނިންމަން ޖެހޭނެ ކަމަށް ހައުންސިން މިނިސްޓްރީން ބުންޏެވެ.
ފަސް ރަށެއްގެ މަގު ހަދަން އެމްއާރްޑީސީއާއެކު ސޮއި ކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރޔ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ރަށްރަށުގެ މަގުތައް ހެދިގެން ދިއުމުން އެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެތައް ތަނެއް ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ރަށުގެ ރައްޔިތުންނަށް އެކަމުގެ ސަބަބުން ގިނަ ގުނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވާހަކަފުޅު ދައްކަވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
"މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގައި ވެސް ވަކި އަދަދަކަށް މަގު ހަދަން ހަމަޖެހިފައި ވަނީ. އެއީ ސަރުކާރުގެ ބަޖެޓުން މިއަހަރަށް ކަނޑައަޅާފައިވާ އަދަދަށް ބަލާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސިޔާސަތަކީ ކުރިއަށް އޮތް ތާނގައި އިތުރު ފިޔަވަހިތަކެއް ކުރިއަށް ގެންގޮސް މި ރަށްރަށުގައި ވެސް އަދި މަޝްރޫއުތައް ފަށައިގެން އަޅުގަނޑުމެން ކުރިއަށް ގެންދާ ރަށްރަށުގައި ވެސް ބާކީހުރި މަގުތައް ވެސް ރަނގަޅު ފެންވަރުގައި ހެދުން،" މުއިއްޒު ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދުއަމީތު ވިދާޅުވީ މިއަދު ސޮއި ކުރެވުނު އެއްބަސްވުމަކީ ހަމަ އެކަނި ރ. މީދޫ އަށް ލިބުނު ކުރިއެރުމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން މިއިން ޒަމާނަކު މީދޫ އަށް ނާންނަ ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
"ދަންނަވަންތޯ މުޅި ރ. އަތޮޅުގައި ވެސް ނެތޭ މެގަ ޕުރޮޖެކްޓެއް ނެތް ރަށެއް. ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކުގެ ސަބަބުން އެ ރަށްތައް ތަރައްގީ ވެގެން މިދަނީ. މިއަދު ވެސް ފެނިގެން މި ދިޔައީ މި ސަރުކާރުގެ އޯގާތެރިކަން،" އަމީތު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު (ވ) ވާހަކަދައްކަވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބުރާހިމް ނަޒީމު ވިދާޅުވީ މަގުތައް ހެދުމުގެ މަސައްކަތަކީ ވަރަށް ގިނަ ރައްޔިތުންތަކަކާ ގުޅުން ހުރި މަސައްކަތެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ކުންފުނިން އެންމެ ބޮޑަށް މަސައްކަތް ކުރާނީ މަސައްކަތް ނިންމަން ޖެހޭ ތާރީހުގައި މަސައްކަތްކޮށް ރައްޔިތުންނަށް އެކަމުގެ ފައިދާ ކުރުން ކަމަށެވެ.