16 Jun 2015, 13:05
ސުޕަ ސްޕެޝަލިސްޓުން މެދުވެރިކޮށް އަތޮޅުތެރެ އިން ހިދުމަތް ދިނުމުގެ ޕްރޮގުރާމްގެ ތިން ވަނަ ބުރުގު ދަށުން 1280 މީހަކަށް ފަރުވާދީ 67 މީހަކު ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޑޮކްޓަރުން ލަފާދީފި އެވެ.
އާސަންދައިން ބުނީ ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ކެޖެހޭ 67 މީހުން ރާއްޖެއިން ބޭރަށް ފޮނުވާނީ އާސަންދައިގެ ތެރެއިން ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިތުރަށް ބެއްލެވުމަށްފަހު ކަމަށެވެ.
މިފަހަރު ރާއްޖެ އައި ޑޮކްޓަރުން ޓީމުގައި އަށް ދާއިރާއަކުން 16 ޑޮކްޓަރުން ހިމެނެ އެވެ. އެ ޑޮކްޓަރުން ވަނީ ސިއްހީ ސިދުމަތް ދޭ ހަތް މަރުކަޒެއްގައި މީހުންނަށް ފަރުވާދީފަ އެވެ.
އެ މަރުކަޒުތަކުގެ ތެރެއިން ހއ. ދިއްދޫ ރީޖަނަލް ހޮސްޕިޓަލްގައި 246 މީހަކަށް ފަރުވާދީފައިވާއިރު ޅ. އަތޮޅު ހޮސްޕިޓަލް 173 މީހަކަށް ވަނީ ފަރުވާދީފަ އެވެ. އދ. އަތޮޅު ހޮސްޕިޓަލް 96 މީހަކަށް ފަރުވާދިންއިރު މ. އަތޮޅު ހޮސްޕިޓަލުގައި ވަނީ 482 މީހަކަށް ފަރުވާދީފަ އެވެ. ފުވައްމުލަކު ހޮސްޕިޓަލް 192 މީހަކަށް ވަނީ ފަރުވާދީފަ އެވެ. އަދި ހުޅުމާލެ ހޮސްޕިޓަލް ގައި 59 މީހަކަށް ފަރުވާދީފައިވާއިރު ދަމަނަވެށީގައި 17 މީހަކަށް ފަރުވާދިންއިރު މޯލްޑިވްސް ބްލަޑް ސާވިސްގައި 10 މީހަކަށް ވަނީ ފަރުވާދީފަ އެވެ.
މިފަހަރު ރާއްޖެ އައި ޑޮކްޓަރުން ހިމެނޭ ދާއިރާތަކަކީ-
ނިއުރޮލޮޖިސްޓް (ނާރުގެ ބަލިތަކާއި، ވާގިނެތުން، ވެއްޓޭބަލި، އައްސިވުން، އުނަގަނޑު މަތީގައި ރިއްސާ ބަލި މީހުން ބެލުން)
- ކާޑިއޯލޮޖިސްޓް (ހިތުގެ ބަލިތައް ހުންނަ ބަލި މީހުން ބެލުން)
- ހެމޮޓޮލޮޖިސްޓް (ލެޔާއި ލޭގެ ކެންސަރުގެ ބަލި މީހުން ބެލުން)
- އީ.އެން.ޓީ ( ކަރާއި، ނޭފަތާއި ކަންފަތުގެ އެކި މައްސަލަ ހުންނަ މީހުން ބެލުން)
- ގެސްޓްރޯ އެންޓްރޮލޮޖިސްޓް (ގޮހޮރުގެ ބަލިތައް ހުންނަ މީހުން ބެލުން)
- އޯތޯޕީޑިޝަން (ކަށީގެ އެކިއެކި މައްސަލަތަކާއި މަސްގަޑަށް ދިމާވާ މައްސަލަތައް ހުންނަ މީހުން ބެލުން)
- ފިޒީޝަން (އެތެރެ ހަށީގެ ޚާއްޞަ ޑޮކްޓަރ)
- އޮޕްތޮލޮމޮލޮޖިސްޓް (ލޮލުގެ ބަލިތަކަށް)
އަތޮޅުތެރެއިން ޑޮކްޓަރުން ފަރުވާދޭއިރު ދިމާވާ ބޮޑު ދައްޗަކީ ޑޮކްޓަރުން ލިޔެދޭ ބޭސް އެ ރަށްރަށުގެ ފާމަސީތަކުން ނުލިބުން ކަމަށާއި ނަމަވެސް އެންސްޕާ މެދުވެރިކޮށް އެ ބޭސް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އާސަންދައިން ކުރިން ބުންޏެވެ.
ސުޕަ ސުޕެޝަލިސްޓުން މެދުވެރިކޮށް އަތޮޅުތެރެ އިން ހިދުމަތް ދިނުމުގެ ޕްރޮގުރާމަކީ މިދިޔަ އޭޕްރީލް މަހު ރައީސް އަބްދުﷲ ޔާމީން އިފްތިތާހް ކޮށްދެއްވާފައިވާ ޕުރޮގުރާމެކެވެ.