ނިއުދިއްލީ، އޭޕީ: ނުރައްކާތެރި މިންވަރަކަށް ލެޑް އެކުލެވޭތީ އިންޑިއާގެ ކާނާގެ ރައްކާތެރިކަމާ ބެހޭ އިދާރާއިން މެގީ ނޫޑުލްސް ވިއްކުން މަނާކުރުމުން 3.2 ބިލިޔަން ރުޕީސް (50 މިލިޔަން ޑޮލަރު)ގެ ނޫޑުލްސް ނައްތައިލާނެ ކަމަށް ނެސްލޭ އިންޑިއާ އިން ބުނެފި އެވެ.

ނެސްލޭ އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފިހާރަތަކާއި ގުދަންތަކުގައި ހުރި މެގީ ނޫޑުލުސްތައް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މެގީ ނޫޑުލްސް ޓެސްޓް ކުރުމަށް ފަހު، ކާނާގެ ރައްކާތެރިކަމާ ބެހޭ އިދާރާއިން ބުނެފައި ވަނީ އޭގައި ނުރައްކާތެރި މިންވަރަކަށް ލެޑް އެކުލެވޭ ކަމަށާއި އޭގެ އިތުރުން ރަހަ ގަދަ ކޮށްދިނުމަށް ބޭނުންކުރާ ކެމިކަލެއް ކަމަށްވާ މޮނޮސޯޑިއަމް ވެސް އެކުލެވޭ ކަމަށެވެ. އެ ކެމިކަލަކީ މެގީ ނޫޑުލްސްގައި އެކުލެވޭ ކަމަށް ލޭބަލްގައި ލިޔެފައިވާ ބާވަތްތަކުގެ ތެރޭގައި ވެސް ހިމަނާފައި ނުވާ ކެމިކަލެކެވެ.

ކާނާގެ ރައްކާތެރިކަމާ ބެހޭ އިންޑިއާގެ އިދާރާއިން އެހެން ބުނި ނަމަވެސް ނެސްލޭ އިންޑިއާއިން ބުނެފައި ވަނީ އެ ކުންފުނީގެ ނޫޑުލްސް އަކީ ކެއުމަށް ރައްކާތެރި ބާވަތެއް ކަމަށެވެ. އަދި މެގީ ނޫޑުލްސް ވިއްކުން މަނާކުރި މައްސަލައިގައި ކާނާގެ ރައްކާތެރިކަމާ ބެހޭ އިދާރާއާއި ދެކޮޅަށް އެކުންފުނިން ވަނީ މުމްބާއީގެ ކޯޓެއްގައި ދައުވާ ކޮށްފަ އެވެ.