02 Mar 2011, 16:25
ވޮޝިންގޓަން : އެމެރިކާގެ ހަނގުރާމައިގެ މަނަވަރުތަކެއް މެދުތެރޭ ކަނޑުން ލީބިޔާގެ ސަރަޙައްދީ ރޮނގާ ގާތްވަމުން އެބަދެއެވެ.
އެމެރިކާގެ މިޙަރާކާތްތަކާ ގުޅިގެން ކުރެވުނު ސުވާލެއްގެ ޖަވާބުގައި ދިފާޢީ ވަޒީރު ރޮބަޓް ގޭޓްސް ވިދާޅުވީ ލީބިޔާގެ ކަނޑުގެ އައްސޭރިއާ ދިމާއަށް މިސްރާބު ޖަހާފައިވަނީ ހަނގުރާމަ ހިނގާ ސަރަޙައްދުތަކުން މީހުން ސަލާމަތް ކުރަންޖެހޭ ޙާލަތްތަކުގައި އެކަންކުރުމަށް ބޭނުންކުރާ ބާވަތުގެ އުޅަނދަކާއި އިންސާނީއެހީ ފޯރުކޮށްދިނުމަށް ބޭނުންކުރާ ބާވަތުގެ މަނަވަރަކާއި އެމެރިކާ ކަނޑުގެ ސިފައިންގެ މަނަވަރެއް ކަމުގައެވެ.
ލީބިޔާގެ މިހާރުގެ ޙާލަތާމެދު އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގެ ވިސްނުންވެސް އެމެރިކާ ގެންގުޅޭ ކަމަށް ވިދާޅުވެ އެމެރިކާގެ ސީދާ މަޤްސަދު ސާފުނުވާކަހަލަ ގޮތަކަށް ގޭޓްސް ވާހަކަ ދެއްކެވިއެވެ.
ނަމަވެސް އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަންވަނީ ޢަސްކަރީ ގޮތުން ލީބިޔާއަށް ވަދެގަތުމުގެ ވިސްނުމެއް އެމެރިކާ ނުގެންގުޅޭ ކަން ދޭހަވާފަދަ ގޮތަކަށް ބަޔާނެއް ދެއްވާފައެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ ހުއްދައަކާނުލައި އެއްވެސް ޤައުމަކަށް ވަދެގަތުމަކީ އެމެރިކާއަށްވެސް އަދި އެހެން ޤައުމުތަކަށްވެސް ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއްނޫނެވެ.
ޤައުމެއްގެ ސަބަބުން ބައިނަލްއަޤްވާމީ މުޖްތަމަޢަށް ނުރައްކަލެއް އޮވެއްޖެ ޙާލަތެއްގައި މެނުވީ ނުވަތަ ޤަތްލު ޢާންމަކުން ރައްޔިތަކު ސަލާމަތްކުރުންފަދަ ޚާއްސަ ޙާލަތެއްގައި މެނުވީ އެޤައުމަށް ބައިނަލްއަޤްވާމީ ގޮތުން އަރައިގަތުމުގެ ހުއްދަ ދިނުމުގެ ޤާނޫނީ ބާރެއް ސަލާމަތީ މަޖިލީހަކަށްވެސް ނޯވެއެވެ.
ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ލީބިޔާގެ ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުންވެސް ވަނީ ބޭރުގެ އެއްވެސް ޤައުމެއް ޢަސްކަރީ ގޮތުން ލީބިޔާއަށް ނުވަނުމަށް އިންޒާރުކޮށްފައެވެ. ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ވަދެގެންފިނަމަ އެއީ އިސްތިޢްމާރީ ބާރެއްކަމަށް ބަލައި ގައްޒާފީއާ ހަނގުރާމަކުރާ ގޮތަށް އެފަރާތަކާވެސް ހަނގުރާމަކުރާނެ ކަމަށް ލީބިޔާގެ ރައްޔިތުންގެ ބާރުތަކުން ބުނެއެވެ.
މުރާސިލުން ބުނާގޮތުގައި ޢިރާޤާއި އަފްޣާނިސްތާނުގައި އެތަށް އަހަރަކު ހަނގުރާމަ ކުރިއިރުވެސް ކާމިޔާބު ލިބެއް ލިބިފައިނުވާ އެމެރިކާއަށް އިތުރު ޤައުމަކަށް އަރައިގަންނާކަށް ނުކެރޭނެއެވެ. ޚާއްސަކޮށް އެދެޤައުމުގައި އެމެރިކާ ސިފައިންނަށް ލިބިފައިވާ ހިތްދަތި ފިލާވަޅުތަކުގެ ސަބަބުންނާއި އިޤްތިސާދީ ހީނަރުކަމެއްގެ ތެރޭގައިވާ އެމެރިކާއަށް، ލީބިޔާފަދަ ބިމުގެ ގޮތުން ބޮޑު ޤައުމަކަށް އަރައިގަތުމަކީ މިދުވަސްވަރު ކުރަންކެރޭނެ ކަމަކަށް ނުވާނެއެވެ.
ނަމަވެސް ޢިރާޤުގެ ތެޔޮވަޅުތަކެކޭ އެއްގޮތަށް ލީބިޔާގެ ތެޔޮވަޅުތަކަށް އެމެރިކާ ދަހިވެތިވެފައިވާ ކަމަށް މަސްރަޙް ދިރާސާކުރައްވާ މުޙައްލިލުން ވިދާޅުވެއެވެ.
ލީބިޔާ، މިސްރު އަދި ތޫނިސްއަށް އައި ރައްޔިތުންގެ އިންޤިލާބުތައް އަދި ހަމައަކަށް ނޭޅޭތީއާއި މިއިންޤިލާބުތައް ޅަފަތުގައިވާތީ މިކަމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ނުރައްކާތެރި ރޭވުންތަކެއް އެމެރިކާ ގެންގުޅޭ ކަމުގެ ޢަލަމާތްތަކެއް ފެންނަމުންދާ ކަމަށް މިފަރާތްތަކުން ދެކެއެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)