16 Jun 2015, 12:09
ހޮންކޮންގަކީ އިދާރީ ގޮތުން ޗައިނާގެ ހާއްސަ ސަރަހައްދެކެވެ. ނަމަވެސް ހޮންކޮން ރައްޔިތުން ދެކޭ ގޮތުގައި ހޮންކޮންގަކީ މިނިވަން މުސްތަގިއްލު ގައުމެކެވެ. ހޮންކޮން އޮންނަ ސަރަހައްދުގެ ގޮތުން އެގައުމަކީ ދުނިޔޭގެ ބައްރުތަކަށް ވަރަށް މުހިންމު ސަރަހައްދެކެވެ. 1840ގެ އަހަރުތަކުގައި ޗައިނާގެ އަސްކަރީ ބާރުތަކާ އިނގިރޭސި އަސްކަރީ ބާރުތަކާ ދެމެދު ކުރި ހަނގުރާމައިގައި އިނގިރޭސިން އަތުން ޗައިނާ ބަލިވުމުން ހޮންކޮންވީ އިނގިރޭސިންގެ ކޮލަނީއަކަށެވެ.
އެއަށްފަހު ދެ ވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުން ހިންގި ބައެއް އަސްކަރީ މިޝަންތައް ހޮންކޮން ހިމެނޭ ސަރަހައްދުގައި ތިބެގެން ހިންގާފައިވެއެވެ. އިނގިރޭސިން އެންމެ ފަހުން ފޭބި ކޮލަނީއަކީ ހޮންކޮންގެވެ. ހޮންކޮންގުން އިނިގިރޭސިން ފޭބީ 150 އަހަރަށްވުރެ ގިނަ ދުވަސް ފަހުން 1997 ވަނަ އަހަރުއެވެ.
ހޮންކޮންގައި ފުޓްބޯޅަ ފެށިގެން އައީވެސް އިނގިރޭސިން އެގައުމުގައި ތިބި ދުވަސްވަރުގައެވެ. އޭޝިއާގައި ފުޓްބޯޅައިގެ ޙަރަކާތް ހިންގަން ފެށި އެންމެ ދުވަސްވީ ގައުމަކީވެސް ހޮންކޮންގެވެ. އޭޝީއާގެ އެންމެ ދުވަސްވީ ފުޓްބޯޅަ ކުލަބުތަކަކީވެސް ހޮންކޮންގަށް ނިސްބަތްވާ ކުލަބު ތަކެވެ. އޭޝިއާގެ އެންމެ ދުވަސްވީ ލީގަކީވެސް ހޮންކޮންގު ލީގެވެ.
އޭޝިއާގެ ފުޓްބޯޅައިގެ ކިތަންމެ ދޮށީ ގައުމަކަށް ވިޔަސް ހޮންކޮންގަކީ އޭޝިއާގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ހިމެނޭ ގައުމެއް ނޫނެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ހޮންކޮންގަކީ ވަރަށް ބަދު ނަސީބު ގައުމެކެވެ. އެއީ މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕަށް ހޮންކޮން ކޮލިފައި ނުވީ ގުރޫޕް ސްޓޭޖުގެ ފަހު މެޗްގައި ހަނި ފުރުސަތެއް ގެއްލުމުންނެވެ. 19 މެއި 1985 ގައި ޗައިނާގެ ވެރިރަށް ބެއިޖިންގެ ވޯކާސް ސްޓޭޑިއަމްގައި ކުޅުނު ގުރޫޕް ސްޓޭޖުގެ ފަހު މެޗްގައި ޗައިނާ ކޮޅަށް، އިއްޔަ ކެންސަރު ބަލީގައި މަރުވި ހޮންކޮންގެ ފުޓްބޯޅަ ލެޖެންޑް ވޫ ކްވާކް ހުންގް ދެ ލަނޑު ޖަހައިފައިވަނިކޮށް ޗައިނާއިން އެއް ލަނޑު ޖެހުމުން ގުރޫޕް ސްޓޭޖުން އެފުރުސަތު ގެއްލގެން ދިޔައެވެ.

1986 ގެ ވޯލްޑް ކަޕަށް ކޮލިފައިންގެ ގުރުޕް ސްޓޭޖްގެ އެންމެ ފަހު މެޗްގައި ޗައިނާކޮޅަށް ދެ ލަނޑު ޖެހި ވޫ ކްވާކް ހުންގް --- ޕޮޓޯ/ އެސްސީއެމްޕީ
ގުރޫޕް ސްޓޭޖުގައި އެފުރުސަތު ގެއްލުމުން ނޮކައުޓް ސްޓޭޖުގައި ޖަޕާނާ ދެކޮޅަށް ކުޅެ ބަލިވުމުން ވޯލްޑް ކަޕް ކޮލިފައިވުމަށް ހޮންކޮން ކުރަމުން އައި އުންމީދު ފެނަށް ދިޔައީ އެވެ.
އެއަށްފަހު ކޮލިފައިންގެ ގުރޫޕް ސްޓޭޖްގައި ހޮންކޮންގަށް އަދި މިހާތަނަށް އެހާ ހިސާބަށް ދެވިފައެއް ނުވެއެވެ. މިއަހަރުގެ ވޯލްޑް ކަޕް ކޮލިފައިންއަށް ތައްޔާރުވުމަށް ހޮންކޮން ވަނީ މާކުރިން މަސައްކަތް ފަށައިފައެވެ. ފުޓްބޯޅަ އެކެޑެމީތައް ގާއިމުކުރެވިފައިވެއެވެ. ތައުލީމީ މަރުހަލާގައި ފުޓްބޯޅައިގެ ހުނަރު ތަރައްގީ ކުރުމަށް ބޮޑު އަހަންމިއްޔަތުކަމެއް ވަނީ ދީފައެވެ.
ރަޝިއާގައި 2018 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕަށް އޭޝިއާ ޒޯންގެ ކޮލިފައިންއަށް ގުރު ނެގުނު އިރު ހޮންކޮން ލައްވައިލީ ނިސްބަތުން ފަސޭހަ ގުރޫޕެއްގައެވެ. މިފަހަރުވެސް އެޓީމަށް ގޮންޖެހުމަކަށް އޮތީ އެއްކަލަ ޗައިނާއެވެ.
ހޮންކޮންގަށް ރާއްޖެއަކީ ފުޓްބޯޅައިގައި އާ ގައުމެއް ނޫނެވެ. މީގެ ކުރިން ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމް ވަނީ ހޮންކޮންގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅެފައެވެ. 2011 ވަނަ އަހަރު ފެބްރުއަރީ މަހު ހޮންކޮންގެ މޮންގްކޮކް ސްޓޭޑިއަމްގައި ކުޅުނު މެޗުން 4-0 ގެ ނަތީޖާއަކުން ރައްޖޭގެ ޓީމް ވަނީ ބަލިވެފައެވެ.
ރާއްޖޭ ގަޑިން މިއަދު ހަވީރު 5:00 ގައި އަނެއްކާވެސް މޮންގްކޮކް ސްޓޭޑިއަމްގައި ރާއްޖެއާ ހޮންކޮން ބައްދަލު ކުރާއިރު ހޮންކޮން ޓީމްގެ ސްޓްރެންތަކީ ބިދޭސީ ކުޅުންތެރިންނެވެ. ރާއްޖޭގެ ކޯޗް ވެލިޒާ ޕޮޕޯވްވެސް އެންމެ ބޮޑަށް ސަމާލުކަން ދޭނީ ހޮންކޮން ޓީމަށް ކުޅެމުންދާ ބިދޭސީ ކުޅުންތެރިންނަށެވެ.

ހޮންކޮންގެ ގައުމީ ޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިއެއް --- ފޮޓޯ އެޗްކޭއެފްއޭ
ޕޮޕޯފް ބުނީ ހަމައެކަނި ހޮންކޮން ކުޅުންތެރިންނާ ދެކޮޅަށް ކުޅޭ ނަމަ ރާއްޖެއަށް ފަސޭހައިން މޮޅުވެވޭނެ ކަމަށެވެ.
ހޮންކޮން އޮތީ އިންތިހާއަށް ވޯޯލްޑްކަޕަށް ކޮލިފައިވުމަށް ދަހިވެތިފައެވެ. މިފަހަރު ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ބޫޓާން އަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ހޮންކޮން މޮޅުވިއިރު ރާއްޖެއާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެކަން ގަތަރު މެޗް ބެލި ހޮންކޮންގެ ފުޓްބޯޅައިގެ ޓެކްނިކަލް ފަރާތްތަކުން ދަނެއެވެ.