16 Jun 2015, 11:30
އައްޑޫ ސިޓީ، ހިތަދޫގައި ރޭ ހިންގި މާރާމާރީގައި ޒަހަމްކޮށްލި ޒުވާނާއަށް ހިތަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ ހިތަދޫ، އެތީނާގެ، ހުސައިން ޝިޔާރު، 19، އެވެ.
ހިތަދޫ ހޮސްޕިޓަލުން ބުނީ އޭނާ މަރުވީ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނު 10:45 ގައި ކަމަށެވެ. ރޭގެ މާރާމާރީގައި އެ ޒުވާނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދިނުމުން ކަފައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ހުސައިން ޝިޔާރަށް ހަމަލާދިނީ މޫނު ނިވާކޮށްގެން ތިބި ގްރޫޕަކުން ކަމަށް ހިތަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އޭނާއަށް އެ ހަމަލާދިނީ ގޭގައި ހުއްޓަ އެވެ.
ހުސައިން ޝިޔާރުގެ މަރާއެކު، މިއަހަރު ރާއްޖޭގައި މަރާލި މީހުގެ އަދަދު ހަތަކަށް އެރީ އެވެ. މިއަހަރުގެ އެންމެ ފުރަތަމަ މަރަކީ ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލި ދެ އަހަރުގެ ކުޑަކުއްޖާ މުހައްމަދު އިބްތިހާލެވެ. އެ ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ މިއަހަރުގެ ޖެނުއަރީ 28، އެވެ. އަހަރުގެ ދެ ވަނަ މަރަކީ ހ. ހަންޑްރެޑްފްލާވާ، ޖައިލަމް އަހުމަދު ޝާކިރެވެ. ގްރޫޕަކުން ހަމަލާދީ ޖައިލަމް މަރާލީ މިއަހަރުގެ ފެބްރުއަރީ 21 ގަ އެވެ. އަހަރުގެ ތިން ވަނަ މަރަކީ މުއްޑޫގައި ހިންގި މާރާމާރީއެއްގައި ޒަހަމްކޮށްލުމުން މަރުވި އެ ރަށު ނޫވިލު، އަލީ ޒިޔަދަމް އެވެ. ރާ ފުޅިއެއްގެ މައްސަލާގައި އޭނާ މަރާލި މިއަހަރުގެ މާޗް 21 އެވެ. ޖެހިގެން އައި ދުވަހު ހާބަރު ހާބަރު ކެފޭއެއްގައި މަރާލި ބަންގްލަދޭޝް މީހާ ޝާހިން މިޔާ އެވެ. މޫނު ނިވާކޮށްގެން ތިބި ގްރޫޕަކުން ހަމަލާދީ ޝާހިން މިޔާ މަރާލީ މިއަހަރުގެ މާޗް 22 ގަ އެވެ. މިއަހަރުގެ ފަސް ވަނަ މަރަކީ އައިޖީއެމްއެޗް ކައިރީގައި ވަޅި ހަރައި މަރާލި މާލޭ ދަފްތަރު ނޫރު އާދަމް ހަސަންފުޅެވެ. އޭނާ މަރާލީ މާޗް 29 ގަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ލ. ގަމުގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ބިދޭސީއަކު ވަނީ ފެނިފަ އެވެ.