16 Jun 2015, 14:23
ހަ ސަތޭކަ އަކަފޫޓަށް ވުރެއް ކުދި ބިންތައް ރަޖިސްޓްރީ ކޮށްދެވޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެންފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓުލީ 51 މެމްބަރުންގެ އިއްތިފާގުންނެވެ. އެ އިސްލާހު ދިރާސާ ކުރުމަށް ފޮނުވާފައި ވަނީ ގައުމީ ތަރައްގީގެ ކޮމިޓީ އަށް ފޮނުވާފަ އެވެ.
ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއް އޮތް މީހަކު މަރުވެއްޖެ ނަމަ އެ ބިމެއް ނުވަތަ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުސޫލުން ލިބޭ އެންމެންގެ މެދުގައި އެބަޔަކު އެދޭ ނަމަ ވަކިވަކިން ރަޖިސްޓަރީ ކޮށްދެވޭނެ ކަމަށެވެ.
އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއް އޮތް މީހަކު މަރުވެއްޖެ ނަމަ އެމީހެއްގެ ވާރިސުންގެ މެދުގައި އެ ބިމެއް ނުވަތަ ގޯއްޗެއް ވަކިވަކި ކޮށްދެވޭނެ ކަމަށް ވެސް ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވެ އެވެ.
ބިމާ ބެހޭ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުގައި ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ ބަޔެއްގެ މެދުގައި، އެގޯއްޗެއް ވަކިގޯތިތަކަކަށް ބައިކޮށް ވަކިކޮށް ދެވޭނީ، 600 އަކަފޫޓަށް ވުރެއް ކުޑަ ނުވާ ނަމަ އެވެ.
ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ މީހުންގެ މެދުގައި ގޯއްޗެއް ބައިކުރެވޭއިރު އޭގެތެރެއިން، ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބިފައިވާ މީހަކަށް ޖެހޭބައި 600 އަކަފޫޓަށްވުރެ ކުޑަވެއްޖެނަމަ ބައިކުރެވޭ ގޯތީގެ ބިމަކުން އެމީހަކަށް ނުލިބޭނެ ކަމަށް ވެސް މިހާރު އަމަލު ކުރަމުން އަންނަ ބިމާ ބެހޭ ގާނޫނުގައި ބުނެފައިވެ އެވެ.