16 Jun 2015, 12:00
ދުންފަތުގެ އުފެއްދުންތަކުގެ ވަގު ވިޔަފާރި ހުއްޓުވުމާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ސެމިނާރެއް ބާއްވައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިސް ނަގައިގެން މިއަދު ފެށި އެ ސެމިނާރުގައި ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި މޯސްލްޑިވްސް ކަސްޓަމްސް ސާވިސްއާއި ފުލުހުންނާއި އެޓާނީ ޖެނެރަލްގެ އޮފީހާއި އިކޮނޮމިކް މިނިސްޓްރީއާއި މާލޭ ސިޓީ ކައުންސިލުން ބައިވެރިވި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި އެ ސެމިނާގައި ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހާލަތު އޮތް ގޮތާއި ދުންފަތުގެ އުފެއްދުންތަކުގެ ވަގުވިޔަފާރި ހުއްޓުވުމާއި ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރެވެން ހުރި ކަންތައްތަކާއި ބެހޭ މައުލޫމާތު ދިނެވެ. އަދި އެކަންކަމާ ބެހޭ ގޮތުން ބައިވެރިން މަޝްވަރާ ކުރިއެވެ.
ސެމިނާ ފަށްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު އައިޝަތު އިރުތިޝާމް ވިދާޅުވީ، ދުންފަތުގެ ވަގުވިޔަފާރި ހުއްޓުވުމުވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ) އިން އިސް ނަގައިގެން މަސައްކަތް ކުރި ކަމުގައި ވިޔަސް އެކަމަކީ ވަރަށް ގިނަ ފަރާތްތަކެއްގެ ބައިވެރިވުން ބޭނުންވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫގެ ދަށުން ހަދާފައިވާ ގަވާއިދުތައް ތަންފީޒުކުރަން ޖެހިފައިވާ ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލް ކުރުމުގެ އަދާޔާ، މީހުން ދުރުކުރުމަށް ހިންގާ "އައި ޗޫޒް ލައިފް" ކެމްޕޭން ހުރިހާ ފަރާތްތަކުން ވެސް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.