16 Jun 2015, 11:18
ރޯދަ މަހުގެ ހަނދު ސާބިތުވަންދެން މިއަދު ހަވީރު 5:30 އިން ފެށިގެން ކަމާބެހޭ އިދާރާތައް ހުޅުވާފައި ބެހެއްޓުމަށް ނިންމައިފި އެވެ.
މިރޭ ހަނދު ސާބިތު ކުރުމުގެ ކަންކަން ކުރިއަށްގެންދާއިރު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މިއަދު ހަވީރު 5:30 ން ފެށިގެން ޑީޖޭއޭ އާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
މިއަހަރު ވެސް ހަނދު ސާބިތު ކުރުމަށްޓަކައި ހަނދު ފެނުން މީހަކު ހެކިބަސް ދިނުމަށް ހަމަޖެހިފައި ވަނީ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައި ކަމަށާއި މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ އެ ވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގުމާ ހަވާލުވެހުންނެވި އިސްވެރިއެއްގެ ކުރިފުޅުމަތީގައި ކަމަށެވެ.
"ހަނދު ފެނިގެން އެކަމުގެ މައުލޫމާތުދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫން ވެސް މިފަދަ މުހިންމު މައުލޫމާތު ދޭންވާނެ" ޑީޖޭއޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.
ހެކިބަސް ދިނުމަށްޓަކައި ދިއުމަށާއި އައުމުގެ ޓެކްސީހަރަދު ދޫކުރާނެ ކަމަށްވެސް ޑީޖޭއޭއިން ބުންޏެވެ.
ކަލަންޑަރު ބުނާގޮތުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ.