ށ. ފުނަދޫ ކޯޓާއި ކ. ތުލުސްދޫ ކޯޓުން ފުލުހުންނާ ދެކޮޅަށް ނެރެފައިވާ ވަގުތީ އަމުރުތަކަކީ ސައްހަ ދެ އަމުރު ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ށ. އަތޮޅު ކައުންސިލްގެ މަސައްކަތް ހުއްޓުވަން ފުލުހުން އުޅޭ މައްސަލައިގަ އާއި ކ. އަތޮޅު ކައުންސިލްގެ މަސައްކަތް ފުލުހުން ހުއްޓުވާފައިވާ މައްސަލައިގައި ނެރެފައިވާ އަމުރުތަކުގެ އިސްތިއުނާފް މައްސަލައިގައި ހުކުމް ކުރައްވަމުން ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ، ބަންޑާރަ ނައިބުގެ އޮފީހުން އެދިފައިވާ ފަދައިން އެ ކޯޓު އަމުރުތަކަކީ ކޯޓަށް ލިބިފައިވާ ގާނޫނީ ބާރުގެ ބޭރުން، އަމުރު ނެރުމުގައި ގެންގުޅޭ ގާނޫނީ އުސޫލާ ހިލާފަށް ނެރެފައިވާ އަމުރުތަކެއް ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.

އެ މައްސަލައިގައި ޝަރީއަތަށް ފާހަގަ ކުރެވުނު ނުކުތާތައް އިއްވަމުން އިސް ފަނޑިޔާރު ވިދާޅުވީ ވަގުތީ އަމުރު ނެރުމުގައި ފުލުހުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވުމަކީ ކޯޓު އަމުރު ނެރުމުގައި އަމަލު ކުރަމުންދާ އުސޫލާ ހިލާފް ކަމެއް ކަމަށް ދައުލަތުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ކޯޓު އަމުރު ނެރުމުގައި ސަބަބުތަކާއި ހާލަތާއި އެ މައްސަލައިގައި ވަށައިގެންވާ ކަންތައްތަކަށް ބަލަން ޖެހޭނެ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ. އެގޮތުން މުދާ ހިމާޔަތް ކުރުމަށް ނެރޭ އަމުރުތަކާއި މައްސަލައިގައި ހިމެނޭ ފަރާތަކަށް ގެއްލުމެއް ވެދާނެ ކަމަށް ނެރޭ ކޯޓު އަމުރުތައް ހާލަތާއި ސަބަބާއި ވަށައިގެންވާ ކަންތައްތަކަށް ބަލާއިރު ތަފާތުވާނެ ކަމަށް ވެސް އިސް ފަނޑިޔާރު ވިދާޅުވި އެވެ.

އެ އަމުރު ނެރުމުގައި ފުލުހުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމަކީ ގާނޫނު އަސާސީގެ 142 ވަނަ މާއްދާއާ ހިލާފް ކަމެއް ކަމަށް ދައުލަތުން ބުނެފައިވާ ކަމަށް ވެސް އިސް ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް އެއީ އަމުރުތައް ނެރުމުގައި ކޯޓުން ތަބާވާން ޖެހޭނެ އުސޫލު ބަޔާންކޮށްފައިވާ މާއްދާއެއް ނޫން ކަމަށް ވެސް އިސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޯޓުން ވަގުތީ އަމުރު ނެރުމުގައި އެހެން ފަރާތެއްގެ ރުހުން ހޯދަން ޖެހޭ ނަމަ އެއީ ކޯޓުތަކުގެ ވިރާސީ ބާރު ކެނޑި، އެހެން ފަރާތެއްގެ ކައިރިން ކޯޓުތައް އާދޭސް ކުރަންޖެހޭނެ ހާލަތެއް އައިސް، ކޯޓުތަކުގެ ހައިބަތާއި ގަދަރު ގެއްލޭނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން އިސް ފަނޑިޔާރު ވިދާޅުވީ ފުނަދޫ ކޯޓުންނާއި ތުލުސްދޫ ކޯޓުން އަމުރު ނެރިފައިވާއިރު ކޯޓަށް ހުށަހަޅާފައިވާ އަސްލު މައްސަލައިގައި މައުލޫއީ ގޮތުން ގޮތެއް ކަނޑައެޅިފައިވާ ކަމަށް ދައުލަތުން ބުނެފައިވާ ކަމަށެވެ. އެކަމަކު އެ އަމުރުގައި ބުނެފައި ވަނީ ތަޅުދަނޑި ހިފަހައްޓާފައިވާ ނަމަ ދިނުމަށް ކަމަށާއި ފުލުހުން ތަޅުދަނޑި ހިފެހެއްޓި ގާނޫނީ ހައިސިއްޔަތާ މެދު ގޮތެއް ކަނޑައަޅާފައިނުވާ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ.