14 Apr 2010, 14:29
ސަރުކާރުގެ އިދާރާތަކުގެ ހިންގުން ހަރުދަނާ ކުރައްވައި، މިހާރަށްވުރެ ލުއިފަސޭހަ، ހަލުވި އަދި ރައްކާތެރި ގޮތެއްގައި ސިޓީ އާއި އެހެނިހެން ލިޔެކިޔުންތައް، އިދާރާތަކުގެ މެދުގައި ބަދަލުކުރެއްވުމަށްޓަކައި، "ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް" ބޭނުންކުރައްވަން ފެށްޓެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
އަދި މާލޭގައި ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކުގަޔާއި ސައުތު ޕްރޮވިންސްގައިމި އޭޕްރީލް މަހުގެ 25 ވަނަ ދުވަހު މި ޚިދްމަތްތައް ފެށްޓެވުމަށް ވެސްވަޒީރުންގެ މަޖިލީހުން ނިންމެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. މިކަން މިގޮތަށް ނިންމެވީ، މިކަމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަނުން ތައްޔާރުކުރައްވައި ވަޒީރުންގެ މަޖިލީހުގެ ހުށަހެޅުއްވިކަރުދާހެއްގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މާލޭގައި ހުރި ސަރުކާރުގެ ހުރިހާ އިދާރާއެއްގައި މި ސިސްޓަމް ބޭނުންކުރައްވަން ފެށްޓެވުމުން ސަރުކާރުގެ މަސައްކަތް އަވަސްވެ، ޚިދްމަތްތައް ހަލުވިވެ، ޚަރަދުކުޑަވެގެންދާނެކަން ފާހަގަކުރެއްވި އެވެ. އަދި އިދާރާތަކަށް އަންނަ ލިޔެކިޔުންތައް އެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތްތަކަށް ފޮނުވައި، އެ ލިޔުންތަކަށް އަޅަންޖެހޭ ފިޔަވަޅު އަޅާފައިވޭތޯ ބަލައި، މޮނިޓަރ ކުރެވޭނެ ގޮތް މި ސިސްޓަމުން ފަހިވެގެންދާނެ ކަމަށާއި، އެ އިދާރާއެއްގެ ތެރޭގައި ޖަވާބު ނުދެވި ލަސްވާ ސިޓީތައް، މި ސިސްޓަމް މެދުވެރިކޮށް އިދާރާތަކުގެ އިސްބޭފުޅުން ބައްލަވައި، އެކަމަށް އަޅުއްވަން ޖެހޭ ފިޔަވަޅުތައް އެޅިގެންދިޔުމަކީ ވެސް، ސަރުކާރުގެ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް އަންނާނެ ކަމެއް ކަމަށް މިއަދުގެ ޖަލްސާގައި މެންބަރުން ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
މި ސިސްޓަމްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ އެއްއިދާރާއަކުން އަނެއް އިދާރާއަކަށް ފޮނުވާ ލިޔެކިޔުންތައް އިލެކްޓްރޯނިކްކޮށް ބަދަލުކުރުން ހިމެނެ އެވެ. އަދި އަމިއްލަ ފަރުދުންނާއި އަމިއްލަ ކުންފުނިތަކުން ފޮނުވާ ލިޔެކިޔުންތައް ސްކޭންކުރުމަށްފަހު މި ސިސްޓަމް މެދުވެރިކޮށް އެ އިދާރާއެއްގައި ލުއިފަސޭހަ ގޮތެއްގައި ބެލެހެއްޓޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.