16 Jun 2015, 10:27
ޖުމްހޫރީ މައިދާނުގެ ކުރިމައްޗަށް ވާގޮތަށް ހަދާފައިވާ ރަސްމީ އެއް ނަންބަރު ފާލަން މިހާރު ހުރިތަނުގައި ދިވެހިވަންތަ ފާލަމެއް އެޅުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފި އެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް މިއަދު ސަން އަށް ވިދާޅުވީ، މިނިވަން 50 އާއި ގުޅުވައިގެން 'ޕްރެޒިޑެންޝަލް ޖެޓީ' ތަޅާލައި އެތަނުގައި ދިވެހި ވަންތަ ފާލަމެއް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަލަށް އަޅާ ފާލަމަކީ ކުރިންހުރި ފާލަމަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް ދިވެހިވަންތަ ފާލަމަކަށް ވެގެންދާނެ ކަމަށް ހަލީމް ވިދާޅުވި އެވެ. ނަމަވެސް ޑިޒައިންގެ ތަފްސީލެއް ނުދެއްވައެވެ.

ރަސްމީ އެއްނަންބަރު ފާލަން-- އެފާލަމުގެ ބަދަލުގައި އާ ފާލަމެއް އެޅުމަށް ވަނީ ފަށާފައި-- ފޮޓޯ: އަހުމަދު ރާއިދު
"މަރާމާތެއް ނޫން މިކުރަނީ، މުޅިން އަލަށް ފާލަމެއް މިއަޅަނީ، އެހެން ކޮންސެޕްޓަކަށް،" ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެފާލަމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު ޓާގެޓަކީ ޖުލައި 26ގެ ކުރިން އެމަސައްކަތް ނިންމާލުން ކަމަށެވެ.
އެމްޓީސީސީން މިހާރު ދަނީ މިނިވަން 50 އާއި ގުޅުވައިގެން ޖުމްހޫރީ މައިދާނުގައި ފެންއަރުވާ ވަޑާމެއް ގާއިމްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.