16 Jun 2015, 09:59
ޕްރިޓޯރިޔާ (ޖޫން 16): އެފްރިކާގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ސޫދާނުގެ ރައީސް އުމަރު ހަސަން އަހްމަދުލްބަޝީރު ދެކުނުއެފްރިކާއަށް ވަޑައިގަތުމުން އޭނާ ހައްޔަރުކޮށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓާ ހަވާލުކުރުމަށް މަސައްކަތްކުރީ އެފްރިކާގެ ދުޝްމަނުން ކަމަށް ސޫދާނުން ސިފަކޮށްފި އެވެ.
ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ރައީސް ބަޝީރު އެނބުރި ސޫދާނަށް ވަޑައިގަތުމާގުޅިގެން ދެއްވި ބަޔާނެއްގައި ސޫދާނުގެ ޚާރިޖީ ވަޒީރު އިބްރާހީމް ޣަންދޫރު ވިދާޅުވީ، ރައީސް ބަޝީރުވަނީ ދުޝްމަނުންގެ ރޭވުންތަކަށް ގޮންޖެއްސެވުމަށްފަހު ސަލާމަތުން އެނބުރި ގައުމަށް ވަޑައިގެންފައި ކަމުގައެވެ. މިކަމުގައި ދެކުނު އެފްރިކާގެ ސަރުކާރުން ދިން އެއްބާރުލުމަށް ސޫދާނުގެ ޚާރިޖީ ވަޒީރު ޝުކުރު އަދާކުރެއްވި އެވެ.
ސޫދާންގެ ރައީސް އުމަރު ހަސަން އަހްމަދުލްބަޝީރު ހައްޔަރުކޮށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓާ ހަވާލުކުރުމަށް ގޮވާލާ އަމުރެއް ދެކުނު އެފްރިކާގެ ކޯޓަކުން ނެރެފައިވަނިކޮށް އެއަމުރަށް ގޮންޖައްސަވައި ދެކުނު އެފްރިކާއިން ފުރާވަޑައިގަތުމުގެ ފުރްސަތު ރައީސް ބަޝީރަށް ދިނީ ދެކުނު އެފްރިކާ ސަރުކާރުންނެވެ.
ބަޝީރު ދަތުރުކުރެއްވި މަތިންދާބޯޓު ފުރާފައިވަނީ ޖޮހަނަސްބާގްގެ ކައިރީގައިވާ ވައިގެ ބޭހަކުން ކަމަށްވެއެވެ.
ބަޝީރު ދެކުނު އެފްރިކާގައި ހުންނަވަނިކޮށް ޕްރިޓޯރިޔާގެ ކޯޓަކުންވަނީ އޭނާ އެގައުމުން ފުރާވަޑައިގަތުން މަނާކުރާ އަމުރެއް ނެރެފައެވެ. އެއަށްފަހު ޕްރިޓޯރިޔާގެ ހައިކޯޓުންވަނީ މިމައްސަލައިގެ އަޑުއެހުމުގެ އިތުރު ޖަލްސާއެއް ބާއްވައި ސޫދާންގެ ރައީސް ބަޝީރު ހައްޔަރުކޮށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓާ ހަވާލުކުރުމުގެ އަމުރެއްވެސް ނެރެފައެވެ. ރައީސް ބަޝީރު ދެކުނު އެފްރިކާއަށް ވަޑައިގެންނެވީ އެފްރިކާގެ އިއްތިޙާދު (އޭ.ޔޫ) އިސްވެރިންގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ ހޮނިހިރު ދުވަހުއެވެ.
އޭގެ އެއްދުވަސް ކުރިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓުންވަނީ ބަޝީރު ދެކުނު އެފްރިކާއަށް ވަޑައިގެންފިނަމަ އޭނާ ހައްޔަރުކޮށް އެކޯޓާ ހަވާލުކުރުމަށް ދެކުނު އެފްރިކާ ސަރުކާރަށް އިލްތިމާސްކޮށް ބަޔާނެއް ނެރެފައެވެ. ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މިއިލްތިމާސް އާއެކުވެސް ދެކުނު އެފްރިކާގެ ސަރުކާރާއި އެގައުމުގެ އިސްވެރިންވަނީ ސޫދާނުގެ ރައީސް އުމަރުލްބަޝީރަށް ހޫނު މަރުހަބާއެއް ވިދާޅުވެ އޭނާއަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ދީފައެވެ.
ރައީސް ބަޝީރުގެ މައްޗަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ކޮށްފައިވަނީ ސޫދާންގެ ދާރުފޫރުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ އެ ސަރަހައްދުގެ އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތެވެ. މިތުހުމަތުގައި ބަޝީރު ހައްޔަރު ކުރުމުގެ އަމުރެއް 2009 ގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ނެރެފައިވީނަމަވެސް އޭނާ ޒިޔާރަތް ކުރެއްވި އެއްވެސް ގައުމަކުން އެއަމުރަށް އިޖާބަ ދީފައެއްނުވެއެވެ.
ދެކުނު އެފްރިކާގައި ވެރިކަންކުރާ ނެޝަނަލް ކޮންގްރެސް ޕާޓީން ބުނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަކީ އެ ކޯޓު އުފެއްދި މަގްސަދާ މުޅިން ޚިލާފަށް މިހާރު އެހެން މިސްރާބަކަށް ދަތުރުކުރާ ކޯޓެއްކަމަށާއި އެހެންކަމުން އެ ކޯޓުގެ އަމުރުތަކަކީ އެގައުމަށް މުހިއްމު އަމުރުތަކެއް ކަމަށް ނުދެކޭކަމުގައެވެ. އަދި ރައީސް ބަޝީރު ހައްޔަރުކުރުމަށް ގޮވާލައި 2009 ވަނައަހަރު ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ނެރެފައިވާ އަމުރަށް ތަބާނުވުމަށް އެފްރިކާގެ އިއްތިޙާދުގެ ގައުމުތަކުން ނިންމާފައިވާ ކަމަށްވެސް އެޕާޓީންބުނެއެވެ.
ބައިނަލްއަގްވާމީ ޖިނާއީ ކޯޓަކީ އެފްރިކާގެ ގައުމުތަކުގެ ލީޑަރުންނާމެދު ޒާތީ ގޮތްތަކެއް ގެންގުޅޭ އަދި ބޭއިންސާފުން ކަންތައްތައް ކުރަމުންގެންދާ ސިޔާސީ ވިސްނުމުގެ ކޯޓެއްކަމަށް އެފްރިކާގެ އިއްތިޙާދުގެ ލީޑަރުން ވަނީ ނިންމާފައެވެ. އެހެންކަމުން އެފްރިކާގެ އެއްވެސް ގައުމަކުން އެކޯޓަށް އެއްބާރުލުން ދީފައެއް ނުވެއެވެ. މިކަމުގެ ސަބަބުން ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ކުރާ އަމުރުތަކަކީ އެއްވެސް ބުރަދަނެއްނެތް އަމުރުތަކެއްކަމަށްވަނީ ވެފައެވެ. (ރޮއިޓާސް)