15 Jun 2015, 23:42
އައްޑޫ ސިޓީ ހިތަދޫގައި، ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން، އޭނާއަށް ހިތަދޫ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. އެ މާރާމާރީއާ ގުޅޭ އިތުރު ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.
"އަޅުގަނޑުމެން ތަހުގީގު ކުރަމުން މި ދަނީ އެކަން. އެކަން ހިނގައިގެން ރިޕޯޓުކޮށްފައި އޮތީ މިރޭ 10:50 ގައި،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ހިތަދޫ ހޮސްޕިޓަލުން "ސަން"އާ ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ އެ ޒުވާނާގެ ބޮލަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި މިހާރު ޑޮކްޓަރުން މަސައްކަތް ކުރަމުން ދަނީ އޭނާގެ ހަށިގަނޑު ކަފައިގެން ގޮސްފައި ހުރި ތަންތަން ފެހުމުގެ މަސައްކަތް ކަމަށާއި އޭނާއަށް ފަރުވާދިނުމުގެ ޑޮކްޓަރުން އަވަދިނެތި އުޅުއްވާ ކަމަށެވެ.
"އޭނާގެ ހާލު ސީރިއަސްތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ ޑޮކްޓަރު. މިހާރު އެބޭފުޅުން ބައްލަވައި ފަރުވާދެމުން ގެންދަވަނީ. ޒަހަމްތަކެއް ލިބިގެން ހޮސްޕިޓަލަށް ގެނައީ 10:45ގައި،" ހިތަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އޭނާއަށް ހަމަލާދިނީ މޫނު ނިވާކޮށްގެން ތިބި ބައެއް ކަމަށާއި އެ ހަމަލާދިނީ އެ ޒުވާނާ ގޭގައި ހުއްޓާ ކަމަށެވެ.