16 Jun 2015, 09:30
މީގެ 26 އަހަރުކުރިން 1989 އަހަރު ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު ގޮނޑި ކާމިޔާބުކުރައްވައިގެން ސިޔާސީ މައިދާނަށް ނުކުންނެވި ރާއްޖެ ދުށް އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ، ގާސިމް އިބްރާހިމްގެ އެންމެ ބޮޑު ހުވަފެނަކީ ރާއްޖޭގެ ވެރިކަން ކުރުމެވެ. އޭނާ އެތައް މިލިއަން ރުފިޔާއެއް ވަނީ އެކަމަށް ހަރަދުކޮށްފައެވެ. ފުރަތަމަ ކުރިމަތިލެއްވި ރިޔާސީ އިންތިހާބުގައި 2008 ވަނަ އަހަރު ދިޔައީ 27،000 ވޯޓާއެކު ހަތަރު ވަނައަށެވެ. ދެން އައި އިންތިހާބުގައި 2013 ވަނަ އަހަރު 50,422 ވޯޓާއެކު ތިން ވަނަ ހޯދެއްވި އެވެ. ދެވަނަ އަށް ނުހޮވުނީ ކުޑަތަފާތަކުންނެވެ. ދެންވެސް އެވިސްނުންފުޅު ދޫކޮށެއް ނުލައްވައެވެ.
ނަމަވެސް މިއަދު މިފެންނަން ފެށީ އެހެން މަންޒަރެކެވެ. މާލީ ކަސްތޮޅުގައި ބެދި ހައްސާސީ ދަނޑިވަޅެއްގައި ގާސިމަށް ވެރިކަމަށް ކުރިމަތި ނުލެވޭ އިސްލާހު ފާސްކުރަން އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަރިހުން ގާސިމް އެދިވަޑައިގަންނަވާ މަންޒަރެވެ. ސުވާލަކީ ތިމާއަށް ވެރިކަން ނުކުރެވޭނެ ކަމަށް ގާސިމް އަމިއްލައަށް ނިންމެވީބާ އެވެ؟ ނުވަތަ މާލީ ކަސްތޮޅުން ސަލާމަތްވުމުގެ އުކުޅެއް ބޭނުންކުރައްވަނީބާވައެވެ.؟

ރައީސްގެ މަގާމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލު ކުރުމަށް ހުށަހެޅި އިސްލާހު ފާސްކުރަން 64 ވޯޓް މަޖިލިސް ތެރެއިން ބޭނުންވެ އެވެ. އެއީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައެވެ. ވެރިކަން ކުރާ ޕީޕީއެމްގައި 45 މަޖިލިސް މެމްބަރުން ތިއްބަވާއިރު، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ފަސް މެމްބަރުންނާއި ޖުމްހޫރީ ޕާޓީގައި ތިއްބެވި 12 މެމްބަރުނާއެކު ހަމަވަނީ 62 ވޯޓެވެ. އިތުރަށް ދެ ވޯޓު އެބަ ބޭނުންވެ އެވެ.
އަހުމަދު މަހުލޫފް ޕީޕީއެމް އާއި އެއްކޮޅަށް ވޯޓް ނުދެއްވިނަމަވެސް އެމްޑިޕީގެ ތެރެއިން ރީކޯ މޫސަ ދަނީ ސަރުކާރާ އެއްކޮޅަށް ވޯޓްދެއްވަމުންނެވެ. އެހެން ކަމުން އެވަނީ ހަމަހަމަވެފައެވެ. އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ހުންނެވި ކޮޅެއް އަދި ސާފެއްނުވެއެވެ.
އެމްޑީޕީގެ ތެރެއިން ވޯޓްތަކެއް ލިބިގެން ނޫނީ އެ ގާނޫނަށް ބަދަލެއް ގެނެވޭކަށް ނެތެވެ. މަޖިލީހުގައި ކަން ވެފައިވާ ގޮތަށް ބަލާއިރު ފަހު ވަގުތު ސުވިޗް އޮޅިގެން ވޯޓްދެވިފައިހުރުމަކީ ހިނގާފައި ހުރި ކަންކަމެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެންނަ އިސްލާހަށް އެމްޑީޕީން ދެކޮޅު ހަދާފައި ވަނިކޮށް މެމްބަރުން އަމަލު ކުރެއްވިގޮތް އެއީ މީގެ ހެއްކެކެވެ. ކޮންމެ ގޮތެއް ވިޔަސް އެ އިސްލާހު ފާސްކުރަން ޖުމްހޫރީ ޕާޓީގެ އެއްބާރު ލުމަކީ ސަރުކާރަށް ވަރަށް ބޭނުންތެރިކަމެކެވެ.
އެ ގާނޫނު ބަދަލުކުރެއްވުމަށް ތާއީދު ކުރުމަށް ގާސިމް މިއަދު އެދިވަޑައިގެންފައިވާއިރު ފުރަތަމަ އެ އިސްލާހު މަޖިލީހަށް ހުށަހެޅުމުން އެމަނިކުފާން އިންތިހާއަށް އެކަމާ ދެކޮޅު ހެއްދެވި އެވެ. ސަރުކާރާ ދެކޮޅަށް ނުކުންނަވައި ހޫނު ރައްދުތަކެއް ދެއްވުމުގެ އަސްލަކަށް އެކަންވި އެވެ. ހަމައެހެންމެ އިދިކޮޅު އެމްޑީޕީއާ ގުޅިގެން ސަރުކާރާއި ދެކޮޅަށް މިހާރު ފެށިފައިވާ ކޯޅުންތަކުގެ ފެށުމަކަށް އެ އިސްލާހް ވި އެވެ. ނަމަވެސް މިއަދު ގާސިމް އެކިޔުއްވަނީ އެހެން ލަވައެކެވެ. ކީއްވެބާ އެވެ؟

ފަހަކަށް އައިސް އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއެއްގައި ގާސިމް ވާހަކަ ދައްކަވަނީ-- ސަން ފައިލް ފޮޓޯ
ޖުމްހޫރީ ޕާޓީގެ އެންމެ އިސް ސަފުން މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލެވޭ އުމުރު ދަށް ކުރުމަށް ހުށަހަޅާފައިވާ ބިލަށް ތާއީދު ކުރެއްވުމަށް އެދިފައެވެ. އެއާއެކު ގާސިމް އިބްރާހީމާށް ލުއިތަކެއް ސަރުކާރުން ދެއްވާނެ ކަމަށް އެއްބަސްވެފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ އިސްބޭފުޅަކު ވިދާޅުވި އެވެ.
"ސަރުކާރުން ބައްދަލުކޮށް ހުށަހެޅީ، ހަގީގަތަކީ މިހާރު ގާސިމްގެ އަތުން އެތައް މިލިއަން ރުފިޔާއެއް ގެއްލުންވެއްޖެކަން. އެބިލަށް ތާއީދު ކުރެއްވުމުން ލުއިތަކެއް ގާސިމްއަށް ލިބޭނެ،" ޖުމްހޫރީ ޕާޓީގެ އިސްބޭފުޅަކު ވިދާޅުވި އެވެ.
މީގެ ކުރިއަށް ބަލާއިރު ގާސިމްގެ ވިޔަފާރިއަށް ގެއްލުމެއްވާ ކޮންމެ ފަހަރަކު އޭނާ ދުލެއްދެއެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެސްއީޒެޑް ބިލަށް ދެކޮޅު ހައްދަވައި ފަހުން ދޫދީ އެބިލް ފާސްކޮށް އެކަމުގެ އުފާފާޅުކުރުމުގައި ވެސް ބައިވެރިވުމެވެ. ހަމައެހެންމެ ސަރުކާރާ ދެކޮޅަށް މިހާރު ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށްފަހު މިހާރު އެމަނިކުފާނު ގެންދަވަނީ އެހަރަކާތްތަކުގައި ބައިވެރި ނުވުމަށް އެ ޕާޓީގެ މެމްބަރުންނަށް ގޮވާލުން ވެސް ހިމެނެ އެވެ. މިފަހަރު ވެސް އެހެން ވުން ދުރެއްނޫނެވެ.

އެސްއީޒެޑް ބިލް ފާސްކުރުމަށްފަހު ސަރުކާރުގެ އިސްފަރާތްތަކާއެކު ގާސިމް މުލީއާގޭގައި-- ފައިލް ފޮޓޯ
ގާސިމް މިއަދު އެ ހުންނެވީ ރާއްޖޭން ބޭރުގައެވެ. ގާސްމްގެ ކުންފުނީގެ އެކައުންޓްތައް ހުރީ ފުރީޒްކޮށްފައެވެ. ވިލާ ގްރޫޕުން ތަރައްގީކުރާ ފަސް ރަށެއްގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 90.4 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) ނުދައްކާކަމަށް ބުނެއެވެ. މުވައްޒަފުންނަށް ހަމައަށް މުސާރަ ނުދެވޭ ހާލަތަށް އެވަނީ އެކުންފުނި ގޮސްފައެވެ. ހަމައެހެންމެ އެކުންފުނީގެ އެތައް ޕްރޮޖެކްޓެއް ހުއްޓި އިނދަޖެހެން އެވަނީ ކައިރިވެފައެވެ. އެހެންކަމުން އެ ފިޔަވަޅަކީ މާލީ ކަސްތޮޅުން ސަލާމަތްވުމަށް އެޅި ފިޔަވަޅަކަށްވުން ގާތެވެ.
ޖުމްހޫރީ ޕާޓިއަށް ނިސްބަތްވާ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވިދާޅުވީ ގާސިމްގެ އެނިންމެވުމަކީ ސަރުކާރުގެ ޕްރެޝަރާ ހެދި ހަދާފައިވާ ޑީލެއް ކަމަށް ދެކެން ދަތި ކަމަށެވެ. ގާސިމްގެ އެ ނިންމެވުމަކީ އަމިއްލަ ވިޔަފާރިއާއިގެން ކުރިއަށްދިއުމުގެ ވިސްނުމެއް ގެންގުޅުންވުން ކަމަށް އެކަށީގެންވާ ކަމަށް މުބީން ވިދާޅުވި އެވެ.
"ވަަރަށް ދުވަސްވެއްޖެ އެމަނިކުފާނު ސިޔާސީ ކަންކަމާ އުޅުއްވާތާ. ތަފާތު އެކިއެކި ތަޖުރިބާ ކުރެވިފައި މިހާތަނަށްވާނީ. އެހެންވީމަ ވެދާނެ މިވަގުތަށް އެންމެ ރަނގަޅީ އެގޮތް ކަމަށް ގަބޫލް ކުރެވުނީކަމަށްވެސް، ދެން ސީދާ އަޅުގަނޑަކަށް ނުކެރޭނެ ދައްނަވާކަށް ސަރުކާރުގެ ޕުރެޝަރުތަކެއް އޮވެގެން ޑީލަކުން އެގޮތަށް ނިންމިއްޔެކޭ،" މުބީން ވިދާޅުވި އެވެ.
ރައީސްކަމަށް ކުރިމަތިލެވޭ އުމުރު ހަގު ކުރުމުން ގާސިމަށް ވެރިކަމަށް ކުރިމަތި ލަށްވަން ވަރަށް ދަތިތަކާ ކުރިމަތިވާނެ ކަމަށާއި އެ އިސްލާހު ފާސްވުމަށްފަހު ދެން އަނބުރާ ބަދަލު ކުރުން އެއީ ވަރަށް ދަތިކަމަކަށް ވާނެ ކަމަށް މުބީން ވިދާޅުވި އެވެ. ނަމަވެސް ގާސިމް އެގޮތަށް އެދިވަޑައިގަތުމުން އެޕާޓީގެ މެމްބަރުން ތިއްބެވީ އެގޮތަށް ވޯޓުދޭން ކަމަށް އޭނާ ވިދާޅުވި އެވެ.

ދެން އޮތީ ސިޔާސީ އުކުޅެއްގެ ވާހަކަ އެވެ. އެ ބިލަށް ތާއީދު ކުރައްވާކަމަށް މިއަދު ވިދާޅުވެ ފުރަތަމަ ކަމަކަށް މާލީ ކަސްތޮޅުން ސަލާމަތްވާ ވާހަކަ އެވެ. އެއަށްފަހު އަޑިއަޑިން އެބިލް ފާސް ނުކުރުމަށް މަސައްކަތް ކުރުމެވެ. ޖުމްހޫރީ ޕާޓީގެ ތެރެއިން ތްރީލައިން ވިޕެއް މިހާތަނަށް އެބިލަށް އަދި ނެރެފައެއް ނެތެވެ. ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން ވާހަކަތަކަށް ބަލާއިރު ޖުމްހޫރީ ޕާޓިގެ ހުރިހާ މެމްބަރުން އެބިލަށް ވޯޓް ދެއްވާނެ ކަމަކަށް ގަބޫލެއް ނުކުރައްވައެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ ގާތްގުޅުމެއް އޮންނަ ޕީޕީއެމްގެ މަޖިލިސް މެމްބަރަކު ވިދާޅުވިގޮތުގައި ޖުމްހޫރީ ޕާޓިގެ ތެރެއިން އެބިލަށް ތިން މެމްބަރަކު ވޯޓެއް ނުދެއްވާނެ އެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ވޯޓް ދެއްވާނެ ކަމަށް އެ މެމްބަރު ވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީގެ ތެރެއިން ވޯޓް ހޯދޭނެ ކަަމަށް އެ މެމްބަރު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ޕޮލިސީ އެނގޭ ހިސާބުގައި މަސައްކަތް ކުރައްވާ އެޕާޓީގެ އިސްމަގާމުތައް ފުރުއްވާ ފަރާތަކުން ވިދާޅުވި ގޮތުގައި އެ ޕާޓީން އެހެން ރިޔާސީ ކެނޑިޑޭޓެއް ނެރުމުގެ ވިސްނުމަކީ ވެސް މިހާރު މަޝްވަރާ ކުރެވޭ ކަމެކެވެ. ހަމައެހެންމެ ގާސިމް ވަގުތީ ގޮތުން ސިޔާސީ މައިދާނުން ދުރަށް ޖެހިލައި ވިޔަފާރި ކޮޅަށް ޖެހުމަށް މަސައްކަތް ކުރުމުގެ ވިސްނުމަކީ ގެންގުޅުއްވާ ވިސްނުމެވެ.
ގާސިމް އޭނާގެ އެކުވެރިންގެ ގާތު ވިދާޅުވާ ކަމަށްވެ އެވެ. މާތް ﷲ އޭނާއަށް ފައިސާ އާއި ދުނިޔޭގައި އެތައް އުފަލެއް ދެއްވާފައިވެ އެވެ. އެ ހުރިހާ ކަމަކާއެކު ވެސް ރާއްޖޭގެ ވެރިކަން ކުރުމަކީ 1980 ގެ ތެރެއިން ފެށިގެން އޭނާގެ ހުވަފެނެއް ކަމަށް ގާސިމްގެ ގާތްބޭފުޅުން ވިދާޅުވެއެވެ. އެއީ ގާސިމްގެ އެހާ ބޮޑު ހުވަފެނަކަށް ވާއިރު އަދި އެކަމަށް އެތައް ހޭދައެއް ކޮށްފައިވާއިރު މިއަދު ގާސިމް އެ ނިންމެވި ނިންމެވުމުން ކުރެވޭ ސުވާލަކީ އެމަނިކުފާނު އަމިއްލަފުޅަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް ދެކެމުން އައި ހުވަފެނަށް ނިމުމެއް ގެންނެވީބާއެވެ؟