15 Jun 2015, 22:26
ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރުންނާ ދެކޮޅަށް ސުޕްރީމް ކޯޓުން ބަލަމުން އަންނަ ސުމޯޓޯ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލް ކޮށްފިއެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ތާވަލްކޮށްފައި ވަނީ މާދަމާ މެންދުރުފަހު 2:00 އަށެވެ. އެ މައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް މިހާރު ވަނީ ނިންމާލާފައެވެ.
އެޗްއާރްސީއެމް މެމްބަރުންނާ ދެކޮޅަށް ސުމޯޓޯ މައްސަލައެއް ބަލަން ފަށާފައި ވަނީ އެ ކޮމިޝަނުން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ފޮނުވި "ޔުނިވާސަލް ޕީރިއޮޑިކް ރިވިއު" (ޔޫޕީއާރު) ރިޕޯޓުގައި ސުޕްރީމް ކޯޓުގެ އިހްތިސާސް އޮޅޭ ގޮތަށް ވާހަކަތަކެއް ހިމަނާފައިވާ ކަމަށް ބުނެ އެވެ.
އެޗްއާރްސީއެމްގެ ވަކީލު މައުމޫން ހަމީދު ޝަރީއަތުގައި ވިދާޅުވެފައި ވަނީ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އެ ކޮމިޝަނުން ތައްޔާރުކޮށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާފައިވާ ޔޫޕީއާރު ރިޕޯޓު އާންމު ކުރުމުގެ ކުރިން މަސްލަހަތު އޮތް ހުރިހާ ފަރާތްތަކެއްގެ ކޮމެންޓު ހޯދާފައިވާނެ ކަމަށެވެ.
އެގޮތުން 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 31 ވަނަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ކޮމެންޓެއް ހޯދުމަށް އެ ރިޕޯޓުގެ ޑްރާފްޓު ފޮނުވި ކަމަށާއި ނަމަވެސް ޖެހިގެން އައި ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް އެރިޕޯޓު ހުށަހެޅުމާ ހަމައަށް ވެސް އެތަނުން އެ ރިޕޯޓާ ގުޅޭ ގޮތުން އެއްވެސް ކޮމެންޓެއް ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޑީޖޭއޭ އަކީ ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން އަންނަ ތަނެކެވެ.
އެ މައްސަލަ ބަލަނީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި ކޯޓުތަކާ ބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ގަވާއިދުގެ 86 ވަނަ މާއްދާގެ ދަށުންނެވެ.
ސުމޯޓޯ މައްސަލަ މާދަމާއަށް ތާވަލްކޮށްފައިވާއިރު، އެޗްއާރްސީއެމްގެ މެމްބަރުންގެ ދައުރު ހަމަވާތީ، އެކޮމިޝަނަށްގެ މެމްބަރުކަމަށް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ޔާމީން ވަނީ ބައެއް ބޭފުޅުންގެ ނަންފުޅުތައް ފޮނުއްވާފައެވެ.