15 Jun 2015, 22:14
އިމާދުއްދީން ސްކޫލުގައި ތައުލީމު ހާސިލު ކުރާ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ މަސައްކަތްތައް ދައްކާލުމަށް މައުރަޒެއް ފަށައިފި އެވެ.
"ފަންނުގެ ޖަވާހިރު"ގެ ނަމުގައި އިމާދުއްދީން ސްކޫލުގައި މިއަދު ހުޅުވި މައުރަޒަކީ އެ ދަރިވަރުން ފުރިހަމަކުރި ދެ ކޯހެއްގައި ތައްޔާރުކޮށްފައިވާ ތަކެތި ދައްކާލުމަށް ފެށި މައުރަޒެކެވެ. އެ ކޯހަކީ ނީޑްލް ޕަންޗިން އާއި ޕޭސްޓްރީ ކޯހެވެ.
އެ މައުރަޒު ރަސްމީކޮށް ހުޅުއްވާދެއްވާފައިވަނީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ މައުރަޒުގައި އެ ދަރިވަރުން ތައްޔާރުކޮށްފައިވާ ކަޕްކޭކް އާއި އެހެނިހެން ކޭކު އަދި ކުކީޒް ހިމެނެއެވެ. އޭގެ އިތުރުން ނީޑްލް ޕަންޗު ކުރުމުގެ ހުނަރު ދަސްކޮށް ތައްޔާރުކޮށްފައިވާ ޑިޒައިންތައް ވެސް އެތަނުަގައި ވަނީ ދައްކާލާފައެވެ.
އެ ކޯސްތަކާ ބެހޭގޮތުން މައުލޫމާތުި ދެއްވަމުން ސްކޫލުގެ ޕްރިންސިޕަލް ވަފާ އަލީ ވިދާޅުވީ ނީޑްލް ޕަންޗިން ކޯހުގައި 13 ދަރިވަރުން ބައިވެރި ވެފައިވާ ކަމަށާއި ކޭކު އެޅުނުގެ ކޯހުގައި 14 ފަރާތަކުން ބައިވެރި ވެފައިވާ ވާ ކަމަށެވެ.
މިއަދުގެ މައުރަޒު ހުޅުވި ރަސްމިއްޔާތުގައި، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭއްވި ކޭކު އެޅުމާއި ކަޕް ކޭކު އެޅުމުގެ މުބާރާތް އަދި ނީޑްލް ޕަންޗް ކުރުމުގެ މުބާރާތުގެ ވަނަވަނައަށް އައި ދަރިވަރުންތައް ވަނީ ހޮވާފައެވެ.
މިއަދު އިމާދުއްދީން ސްކޫލުގައި ފެށި މައުރަޒުގައި އެޓާނީ ޖެނެރަލް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ
އެ ރަސްމިއްޔާތުގައި އަނިލް ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރުތައް ދެނެގަނެ އިތުރަށް އެ ހުނަރުތައް ތަރައްގީ ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
އެގޮތުން އެކި ކަހަލަ ވޮކޭޝަނަލް ޕްރޮގްރާމްތައް މިހާރުވެސް ސަރުކާރުން ދަނީ ހިންގަމުން ކަމަށް އަނިލް ވިދާޅުވިއެވެ.