ޔުނައިޓެޑް ނޭޝަންސް އޯގަނައިޒޭޝަން އޮން ޑްރަގްސް އެންޑް ކްރައިމްސް (ޔޫއެންއޯޑީސީ) އިން ކުރިއަށް ގެންދާ 'ގްލޯބަލް އީލާނިން' ސެންޓަރުގެ ދަށުން ދެކުނުއޭޝިއާގެ ފުރަތަމަ ސެންޓަރު ކަސްޓަމްސްގައި ގާއިމްކޮށް ޓްރެއިނިން ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދު ހެނދުނު ފެށި އެ ޕްރޮގްރާމް އިފްތިތާހިކޮށްދެއްވީ ޗީފް ސްޕްރިންޑެންޓް އަބްދުﷲ ވަހީދެވެ. އެ ޕްރޮގްރާމަކީ މަސްތުވާތަކެތި އެތެރެކުރުމާއި އެކަމާ ބެހޭ އެއްމެހާ ކަންކަން ދެނެގަނެ ހުއްޓުވުމާއި ގުޅޭގޮތުން ހިންގާ ޕްރޮގްރާމެެކެވެ. ހަ ބައިވެރިންނާ އެކު ކުރިއަށްދާ އެ ޕްރޮގްރާމްގައި ކަސްޓަމްސް އޮފިސަރުންނާއި އެމްއެންޑީއެފް، ފުލުހުން އަދި އިމިގްރޭޝަނުގެ ބޭފުޅުން ބައިވެރިވެއެވެ.

އެ ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް އެތެރެވާ މުދަލާއި އަންނަ މީހުން ބަލާ ފާސްކުރުމުގައި ސަމާލުކަންދޭންވީ ކަންތައްތަކާއި މަސްތުވާތަކެތި ދެނެގަންނާނެ ގޮތާއި މަސްތުވާތަކެތި ގެންނަ މީހުން އަތުލައިގަތުމަށް ޚާއްސަ އޮޕަރޭޝަންތައް ހިންގާނެ ގޮތްތައް ކިޔައިދޭނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މީގެ އިތުރުން އެ ޕްރޮގްރާމްގައި ހިއުމަން ޓްރެފިކިން އާއި މަނީ ލޯންޑްރިންއާ ބެހޭ މައުލޫމާތުދޭނެ ކަަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.