15 Jun 2015, 17:57
އިމްޕޯޓް މުދަލުގެ ލިޔެކިޔުންތައް އަވަހަށް ނިންމުމަށް ޚާއްސަ އިންތިޒާމްތަކެއްް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ބުނެފި އެވެ. އެ ގޮތަށް ނިންމާފައި ވަނީ ރަމަޟާން މަހާއި ދިމާކޮށް ރާއްޖެ އަށް އެތެރެކުރާ މުދާ އިތުރުވެފައިވާތީ އާއި މުދަލުގެ ކްލިއަރެންސް އަވަހަށް ނިންމުމަށް ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އެގޮތުން މާލޭ ހާބަރަށް އަންނަ މުދަލާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަަ މުދަލުގެ ޑިކްލަރޭޝަން ނިންމުމުގެ މަސައްކަތް ކުޅުދުއްފުށީގައި ތިބޭ ކަސްޓަމްސްގެ މުއައްޒަފުން ވެސް ކުރާނެ ކަަމަށް ކަސްޓަމުން ބުންޏެވެ.
"މިއަދުން ފެށިގެން ޚާއްްސަގޮތެއްގައި ރަމަޟާން މަހަށް އަމާޒުކޮށްގެން ގެންނަ މުދަލުގެ ލިޔެކިޔުން ނިންމުން ކުޅުދުއްފުށީ ކަސްޓަމްސްގެ މުއައްޒަފުންނަށް ވެސް އެސައިންކުރެވިގެންދާނެ" ކަސްޓަމްސް އިން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ވެއެވެ.
އޭގެ އިތުރުން ރަޖިސްޓްރީކުރުމަކާ ނުލައި އޮންލައިންކޮށް ކަސްޓަމް ޑިއުޓީ ދެއްކޭނެ ނިޒާމެއް ކަސްޓަމްސް އިން ވަނީ ތައާރަފްކޮށްފަ އެވެ. މީގެ ކުރިން އޮންލައިންކޮށް ފައިސާ ދައްކަން ރަޖިސްޓްރީކުރަންޖެހެ އެވެ.
ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކޮށްގެން އިމްޕޯޓް ޑިއުޓީ ދެއްކުމުގެ ހިދުމަތް ކަސްޓަމްސް އިން ތައާރަފް ކުރީ މީގެ އަހަރެއްހާ ދުވަސްކުރިންނެެވެ. ރަމަޟާން މަހާއި ދިމާކޮށް ކޮންމެ އަހަރަކު ވެސް ގިނަ މުދާ ރާއްޖެ އަށް އެތެރެކުރެ އެވެ.