15 Jun 2015, 17:19
ޔަމަނަށް ވެރިވެގަނެގެން ތިބި ޙޫޘީ ޓެރަރިސްޓް ޖަމާއަތާއި އެގައުމުގެ ކުރީގެ ސަރުކާރާއި އެސަރުކާރަށް ތާއީދުކުރާ ގައުމުތަކުން ކުރަމުން އަންނަ ހަނގުރާމަ ރަމަޟާން މަހަށް މެދުކަނޑައިލަން ޔްނައިޓެޑް ނޭޝަންސް (ޔޫއެން) ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ގޮވާލައްވައިފި އެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ ބާން އިއްޔެގައި އެކަމަށް އެދިވަޑައިގެންނެވީ ޔަމަނާ ބެހޭ މަޝްވަރާ ގައި ބައިވެރިވާ ބައެއް ވަފުދުތަކާ ބައްދަލުކުރެއްވުމަށް ފަހު ކަމަށެވެ.
"...އަހަރެން އެ މީހުންނަށް މި ގޮވައިލަނީ ހާއްސަކޮށް ރަމަޟާން މަހު ހުއްޓައިލުމަށް. އެއީ ސުލްހަވެރި ކަމުގެ ދުވަސްވަރެއް. ސުލްހަވެރިކަމަށް މީހުން ދުޢާ ކުރާ ދުވަސްވަރެއް. އެމީހުން (ހަނގުރާމަ) ހުއްޓައިލަން ޖެހޭނެ،" ބާންކީ މޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވެފައި ވަނީ ހަމަ އެކަނި ރަމަޟާން މަހަށް ހުއްޓައިލުމަކުން ނުފުދޭނެ ކަމަށާއި އެއީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައި ތިބި ޔަމަނު ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ.
ޔަމަނުގެ ހަނގުރާމަ ފަސް ދުވަހަށް ހުއްޓައިލުމަށް ހަނގުރާމަ ކުރާ ގައުމުތައް (ސަޢުދީ ޢަރަބިއްޔާ އާއި އެގައުމާ ބައިވެރިވާ ގައުމުތައް) އަދި ޙޫޘީންނާއި އެހެނިހެން ޤަބީލާ ތަކުން، ކުރިން އެއް ފަހަރު އެއްބަސްވި އެވެ. ނަމަވެސް އެފަހަރު އެއްބަސްވި ފަސް ދުވަސް ހަމަވުމުގެ ކުރިން ސަޢުދީ އަރަބިއްޔާއިން ޔަމަނަށް ބޮން އެޅުމުން ހަނގުރާމަ އަނެއްކާ ވެސް ވަނީ ވަރުގަދަ ވެފަ އެވެ.