ޗެކްރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، މްލޮސޮވިކް ސްޓާޒެކް، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފި އެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޗެކް ރިޕަބްލިކްގެ އާ ސަފީރާ، ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ދެގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާތައް ބިނާކުރެއްވީ، ވިޔަފާރިއާއި، އިޢާދަކުރަނިވި ހަކަތައާއި، ފަތުރުވެރިކަމާއި، އަދި ދަތުރުފަތުރުކުރުމުގެ ދާއިރާގައި ދިވެހިރާއްޖެއާއި ޗެކް ރިޕަބްލިކާ ދެމެދު ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުންނެވެ.