15 Jun 2015, 16:58
ރޯދަ މަހާ ދިމާކޮށް މާލޭގެ ބާޒާރުގައި ބިހުގެ އަގު އިންތިހާއަށް ބޮޑުވެއްޖެ އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން 300 ރުފިޔާއަށް ވިއްކި ބިސްކޭހެއް މިހާރު ބާޒާރުގައި ވިއްކަމުން ދަނީ 600 ރުފިޔާއަށެވެ. ވަކިން ބިހެއް ލިބެނީ 2.5 ރުފިޔާއަށެވެ.
ބިހުގެ އަގު ބޮޑުވިޔަސް ކުރިއާ އަޅައިބަލާއިރު ފިޔާ އާއި އަލުވީގެ އަގު ވަނީ ހެޔޮވެފައެވެ.
މިއަދު މާލޭގެ ބާޒާރުގެ އަގުތަކަށް ބަލާއިރު ކުރިން 380 ރުފިޔާ އަށް ވިއްކާ ފިޔާ ބަސްތާއެއް މިހާރު ވިއްކަމުން ދަނީ 350 ރުފިޔާ އާއި 320 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ފިޔާކިލޯއެއް ވިއްކަމުން ދަނީ 18 ރުފިޔާއަށެވެ.
އަލުވިބަސްތާއެއް ކުރިން 480 ރުފިޔާއަށް ވިއްކިއިރު މިއަދު ވިއްކަމުން ދަނީ 300 ރުފިޔާއަށެވެ. ކުރިން އަލުވި ކިލޯއެއް 25 ރުފިޔާއަށް ވިއްކިއިރު މިހާރު ވިއްކަނީ 12 ރުފިޔާ އަށެވެ.
ބާޒާރުގައި އެ އަގުގައި އެތަކެތި ހުރިއިރު އެސްޓީއޯއިން ފިޔާ އާއި އަލުވި ބަސްތާއެއް 250 ރުފިޔާއަށް ވިއްކާއިރު އެ ދެ ބާވަތުން ވެސް ވަކިން ކިލޯއެއް ވިއްކަނީ 12 ރުފިޔާއަށެވެ. ބިސްކޭހެއް 270 ރުފިޔާއަށް ވިއްކާއިރު ވަކި ބިހެއް ވިއްކަމުން ދަނީ 1.50 ރުފިޔާއަށެވެ.