15 Jun 2015, 19:05
ތުބްރުގް (ޖޫން 15): އެމެރިކާއިން ލީބިޔާއަށްދިން ވައިގެ ހަމަލާތަކެއްގައި އަލްގާއިދާގެ އިސް ލީޑަރެއްކަމަށްވާ މުޚްތާރު ބިލްމުޚްތާރު މަރުވެއްޖެކަމަށް ލީބިޔާ އާއި އެމެރިކާގެ ސަރުކާރުން ބުނިނަމަވެސް އެއީ ދޮގެއްކަމަށް އަލްގާއިދާ އާ ގުޅިފައިވާ ލީބިޔާގެ ދާއިރާތަކުން ބުނެފިއެވެ.
މިދާއިރާތަށް ބުނާގޮތުން މުޚްތާރު ބިލްމުޚްތާރު ހުރީ ގަދަވެ ހެޔޮހާލުގައި ލީބިޔާގައެވެ. އަދި އެމެރިކާގެ އެއްވެސް ހަމަލާއެއް އޭނާއުޅޭ ސަރަހައްދަށް އަރާފައެއް ނުވާކަމަށްވެސް ބުނެއެވެ.
ތުބްރުގްގައި ހުންނަ ލީބިޔާ ސަރުކާރުން ބުނީ އެމެރިކާއިން ލީބިޔާގެ އިރުމަތީގެ ސަރަހައްދުތަކަށް އިއްޔެ ދިން ހަމަލާތަކެއްގައި މުޚްތާރު ބިލްމުޚްތާރު މަރުވެފައިވާކަމުގައެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ތަރްޖަމާން ކާނަލް ސްޓީފް ވަރެންވެސްވަނީ ލީބިޔާއަށް ދިން ހަމަލާތަކެއްގައި މުޚްތާރު ބިލްމުޚްތާރު މަރުވި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މުޚްތާރު ބިލްމުޚްތާރުގެ މަރުވެފައިވާ ހަށިގަނޑު ގެ އެއްވެސް ފޮޓޯއެއް ޕެންޓަގަން އިންވެސް އަދި އެމެރިކާ ސިފައިންވެސް ހާމަކޮށްފައެއް ނުވެއެވެ.
ތުބްރުގްގައި ހުންނަ ލީބިޔާގެ ސަރުކާރު ބުނާގޮތުން އެމެރިކާއިން ވައިގެ ހަމަލާތައް ދިނީ އެސަރުކާރުގެ ހުއްދައާއެކުގައެވެ. އަދި އެމެރިކާގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ލީބިޔާގެ އިރުމަތީގެ ސިޓީއެއް ކަމަށްވާ އަޖްދާބިޔާގެ ކައިރީގައިވާ ހިސާބުތަކަށެވެ.
މުޚްތާރު ބިލްމުޚްތާރަކީ އަލްގާއިދާއަށް ނިސްބަތްވާ އަލްޖަޒާއިރުގެ ރައްޔިތެކެވެ. އޭނާއަކީ އަލްގާއިދާގެ މެދު ފަންތީގެ އަސްކަރީ ކޮމާންޑަރެއް ކަމަށް ވިޔަސް އޭނާއަކީ އާދަޔާ ޚިލާފަށް ހަރުކަށި، ހުނަރުވެރި ޖެހިލުންކުޑަ އަދި ތަޖްރިބާކާރު ހަނގުރާމަވެރިއެކެވެ.
މީގެކުރިންވެސް އެމެރިކާގެ ހަމަލާތަކެއްގައި މުޚްތާރު ބިލްމުޚްތާރު މަރުވިކަން އެމެރިކާ ސިފައިން ވަނީ ބުނެފައެވެ. ނަމަވެސް އެއަށްފަހު އޭނާވަނީ ލިބިޔާގައިވާ އަލްގާއިދާގެ މަރުކަޒުތަކުން ފެނިފައެވެ. އެހެންކަމުން މުޚްތާރު ބިލްމުޚްތާރުގެ ސިފައިގައި އަލްގާއިދާގެ އެތަށްބަޔަކު އުޅޭކަމަށް އެމެރިކާގެ ޖާސޫސީ ފަރާތްތަކުން ޝައްކުކުރެއެވެ.
ލީބިޔާގައި ހަރަކާތްތެރިވާ ހަރުކަށި ހަނގުރާމަވެރިންގެ އެއްބަޔަކު އަލްގާއިދާއާ ގުޅިފައިވާއިރު އަނެއްބަޔަކު ގުޅިފައިވަނީ އަލްގާއިދާގެ އެންމެ ބޮޑު ދުޝްމަން ކަމަށްވާ އައިއެސް ޖަމާއަތާއެވެ.
އަލްގާއިދާއިން ދެކޭގޮތުގައި އައިއެސް އަކީ އިސްލާމީ އުސޫލުތަކުން ބޭރުވެފައިވާ ޚަވާރިޖުންގެ ބައިގަނޑެކެވެ. މިދެޖަމާއަތުން ގެންދަނީ އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ވަރުގަދައަށް ހަނގުރާމަކޮށް ލޭ އޮހޮރުވާލަމުންނެވެ. އައިއެސްގެ ނަޒަރުގައި އެއީ ދުނިޔޭގައި ނެތްވަރުގެ އިސްލާމީ ޚިލާފަތެކެވެ. (ނޫސްއެޖެންސީތައް)