އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ގެތަކުން ކުނިނެގުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ފަށައިފި އެވެ.

ކުނިނެގުމުގެ މަސައްކަތް ފަށާފައި ވަނީ މިއަދު ހެނދުނު 9:00 ގައި ހިތަދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެމްއާރްޑީސީގެ އައްޑޫ ސިޓީ ސައިޓު މެނޭޖަރު އަބްދުﷲ ރަޝީދު ސަން އަށް ވިދާޅުވީ އެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ އެންވަޔަރަންމެންޓް މިނިސްޓްރީން ކަމަށެވެ.

އެމްއާރްޑީސީން އައްޑޫ ސިޓީގެ ގެތަކުން ކުނިނަގަން ފެށުމުގެ ގޮތުން، އައްޑޫ ސިޓީ ކައުންސިލާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ވަނީ ކުނިނެގުމުގައި ބައިވެރިވެވަޑައިގެންފައި ----- ފޮޓޯ: އިބްރާހީމް ރަޝީދު ވަޖުދީ

އޭނާ ވިދާޅުވީ، މީގެކުރިން އައްޑޫ ސިޓީގެ ގެތަކުން ކުނި ނަގަމުން ދިޔައީ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރި ކުންފުންޏަކުން ކަމަށެވެ. ނަމަވެސް އެކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެހެން ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރަން އުޅެނިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކަން ހުއްޓުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކަން ހުއްޓުވާފައިވާތީ، ސިޓީ ކައުންސިލަށް އެ މަސައްކަތް ނުކުރެވޭތީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަމެއް މިއީ،" އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަކުގެ ގެތަކުން ކުނިއުކާނުލާތާ މަހެއްހާ ދުވަސްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއާރްޑީސީން އައްޑޫ ސިޓީގެ ގެތަކުން ކުނިނަގަން ފެށުމުގެ ގޮތުން، އައްޑޫ ސިޓީ ކައުންސިލާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ވަނީ ކުނިނެގުމުގައި ބައިވެރިވެވަޑައިގެންފައި ----- ފޮޓޯ: އިބްރާހީމް ރަޝީދު ވަޖުދީ

އަބްދުﷲ ރަޝީދު ވިދާޅުވީ، އެމްއާރްޑީސީން އެ މަސައްކަތް ކުރަނީ ރައްޔިތުންގެ އަތުން އެއްވެސް ފީއެއް ނަގައިގެން ނޫން ކަމަށެވެ.

"އެއްވެސް ފީއެއް ނަގައިގެން ނޫން ކުނި މިނަގަނީ. މިވަގުތު ރައްޔިތުންނަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން ސަރުކާރުން ކޮށްދޭ ކަމެއް،" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ކުނިގަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ވެސް ވަނީ ކުނިނެގުމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.

އައްޑޫ ސިޓީގައި ވަކިން އޮންނަ ހަމައެކަނި ރަށްކަމުގައިވާ ހުޅުމީދޫގެ ގެތަކުން ކުނިނެގުމުގެ މަސައްކަތް ކުރަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.