އަދުގެ ސަރުކާރުން ގާނޫނުތައް ފަރުމާ ކުރާއިރު ގާނޫނުތައް ފަރުމާ ކުރަމުންދަނީ ވަކި ބަޔަކަށް އެއިން މަންފާ ލިބޭ ގޮތަށް ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބުރާހިމް ހުށަހެޅުއްވި ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވީ، ގާނޫނު ހަދައި އެގާނޫނު ރައީސް ތަސްދީގު ކުރައްވާތާ ދެ ދުވަސް ތެރޭގައި އެ ގާނޫނަށް އިސްލާހު ގެނައުމުން ދޭހަވަނީ އެއްވެސް ބެލުމެއް ނެތި ކަންކަން ކުރަމުންދާތަން ކަމަށެވެ.

"މިއަހަރު ހަދާފައި އޮތް ގާނޫނެއް މާ ގިނަ ދުވަހެއް ނުވެ އަނެއްކާ މިއޮތީ އިސްލާހަށް ލާފައި. މިއީ ވަކި ބަޔަކަށް އަމާޒު ކޮށްގެން ޓާގެޓު ކޮށްގެން ގާނޫނު ހަދާތީ ވާ ކަންތައްތައް. ކޮމިޓީތަކުން ކަންތައްތައް ކުރާއިރު ބަލަންޖެހޭ ވަރަށް ނުބަލާތީ ވާ ގޮތްގޮތް މިހުންނަނީ،" އާޒިމް ވިދާޅުވި އެވެ.

ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ތައުލީމީ ދާއިރާއަށް އަންނަ ކުރިއެރުންތަކަކީ އިދިކޮޅުފަރާތްތަކުން ވެސް ފުރިހަމައަށް ތާއީދު ކުރާނެ ކަމެއް ކަމަށެވެ. އެހެންނަމަވެސް އޭނާ ވިދާޅުވީ "އިހަކަށްދުވަހު" ފާސްކުރި ގާނޫނަކަށް ސިޔާސީ މަންފާއެއްހޯދުމަށް އުޅުމުން އެކަމުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމަށެވެ.

"އިސްލާމިކް ޔުނިވާސިޓީއެއް މިތާ ހުންނަން ޖެހެންޏާ މިހާރު ހުރި ގައުމީ ޔުނިވާސިޓީ އިސްލާމިކް ޔުނިވާސިޓީއަކަށް ބަދަލު ކުރީމަ ވެސް އެކަންވޭ އިއްޒަތްތެރި ރައީސް. ގައުމީ ޔުނިވާސިޓީ ހެދިތާ މިހާރު ފަސް އަހަރު ވެފައިވޭ. އެހާދުވަސްވީއިރު ގައުމީ ޔުނިވާސިޓީ ހެދުމަށްޓަކައި 300 ނުވަތަ 400 މިލިއަން ރުފިޔާ ބޭނުންވޭ އިނގޭތޯ. އެކަމަކު މި މަޖިލީހުން ދުވަހަކުވެސްމިދިޔަ ފަސް އަހަރު ތެރޭގައި ވެސް މަޖިލީހުން އެބޭފުޅުން [ގައުމީ ޔުނިވާސިޓީ] ބޭނުންވާ ވަރަށް ކައިރިއަށް ވެސް ބަޖެޓު ދެވިފައެއް ނެތް،" ޣަފޫރު ވިދާޅުވިއެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ-- ފޮޓޯ/ މަޖިލިސް

މިއަދުގެ ބަހުސްގައި ސަރުކާރަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެމްބަރު އިބުރާހިމް ޝުޖާއު ވިދާޅުވީ، އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަކީ ރައީސް ޔާމީން ވަރަށް މާތް މަގުސަދެއްގައި ކުރެއްވި ކަމެއް ކަަމަށެވެ. އޭނާ ވިދާޅުވީ، މިއަދު އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ދެކޮޅު ހެއްދެވިއިރު އެ ބިލް ފާސްކުރަން އެންމެ ބޮޑަށް ދެކޮޅު ހެއްދެވީ ވެސް އެ ޕާޓީއަށް ނިސްބަތްވާ މެމްބަރުން ކަމަށެވެ.

"އަޅުގަނޑުމެން މި ދަންނަވާ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ގާނޫނުމި މަޖިލީހަށް ހުށަހެޅުނު އިރު އެމްޑީޕީއާ އަޅުގަނޑުމެންގެ ވާދަވެރިން ހުރިހާ ފަރާތްތަކަކުން ހާއްސަކޮށް އެމްޑީޕީގެ މެމްބަރުން ތުންފަތްތަކުން ނުވަތަ އަނގައިން ތާޅަފިލި ނުނެއްޓޭ. މި މުހިއްމު ބިލުގެ ބަހުސް މަރުހަލާގައި ވެސް އަޅުގަނޑުމެންނަށް ދުއްތުރާ ކުރުންނޫން ކަމެއް އެފަރާތްތަކުން ނުކުރައްވާ. މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުން ހެކިވާނެ ހެކިވުމެއް،" ޝުޖާއު ވިދާޅުވި އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން މިހާރު އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ފާސްވެ ދަސްދީގު ކުރައްވާ ހިސާބުން އެ ގާނޫނަށް އަމަލު ކުރަން ފެށޭނެ އެވެ.

އެ އިސްލާހު އެގޮތަށް ބަލައިގަންނަން ފެންނަކަމަށް މިއަދުގެ މަޖިލީހުގައި ވޯޓުދެއްވީ 32 މެމްބަރުން ނެވެ. އެގޮތަށް ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 16 މެމްބަރުން ނެވެ.