ދިވެހި ސިވިލް ސާވިސްގެ ވަޒީފާއިން މުވައްޒަފަކު މުސްކުޅި ކުރާ އުމުރު ލަސް ކުރާ ގޮތަށް ދިވެހި ސިވިލް ސާވިސް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފި އެވެ.

ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ވަޒީފާއިން މުސްކުޅިިކޮށް ވަޒީފާއިން ވަކި ކުރާ އުމުރަކީ 60 އަހަރު ކަމަށެވެ. މިހާރު ގާނޫނުގައި ބުނެފައި ވަނީ ވަޒީފާއިން މުސްކިޅު ކުރާ އުމުރަކީ 55 އަހަރު ކަަމަމަށެވެ.

މޫސަ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކި ކުރެވޭ މުވައްޒަފުންނަށް ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތީން ޕެންޝަން ރިޓަޔަމަންޓު ބެނިފިޓު ލިބެންވާނެ ކަމަށެވެ.

މޫސަ ވިދާޅުވީ އެ ގާނޫނު އެގޮތަށް އިސްލާހު ކުރަން ހުށަހެޅީ މިހާރު ޕެންޝަނާ ބެހޭ ގާނޫނު ބުނާ ގޮތުން ވަޒީފާއިން މުސްކުޅި ކުރާ އުމުރު ކަމަށް ބުނެފައި ވަނީ 55 އަހަރު ކަމަށާއި ނަމަވެސް އެމީހަކަށް ޕެންޝަން ބެނިފިޓު ލިބޭ އުމުރު ކަމަށް ގާނޫނުގައި ބުނެފައި ވަނީ 65 އަހަރު ކަމަށެވެ.

މޫސަ ވިދާޅުވީ އެކަން އެގޮތަށް އޮތުމުން ގިނަ ރައްޔިތުންގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

ދިވެހި ސިވިލް ސާވިސް ގާނޫނަކީ 2007 ވަނަ އަހަރު މަޖިލީހުން ފާސްކޮށް، އަމަލު ކުރަމުންދާ ގާނޫނެކެވެ.