02 Mar 2011, 15:17
ރައީސް ނަޝީދުގެ ރިޔާސީ ބަޔާން އިއްވާ އިއްވާއިރު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ބޮއިކޮޓް ކުރުމަށް މަޖިލީހުގެ ބައެއް މެންބަރުން ނިންމަވައިފި އެވެ. އެމެންބަރުން ވިދާޅުވަނީ ޖަލްސާ ބޮއިކޮޓް ކުރަނީ ކ. ތުލުސްދޫ އާއި ށ. ފުނަދޫގައި ސަރުކާރުގެ އަމުރަށް ފުލުހުން ހިންގާ އަމަލުތައް ކުށްވެރި ކުރުމުގެ ގޮތުން ކަމަށެވެ.
އިދިކޮޅު ޑީއާރުޕީގެ "ޒައީމު ފެކްޝަން"ގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފު މިއަދު ވިދާޅުވީ، އޭނާއާއެކު ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މާދަމާގެ ޖަލްސާ ބޮއިކޮޓް ކުރުމަށް ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް ޑީއާރުޕީގެ ލީޑަރު "ތަސްމީން އަލީގެ ފެކްޝަނު"ގައި ތިއްބެވި ޕާލަމެންޓޭރިއަނުން އެކަމުގައި ނިންމަވާގޮތް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް މަހްލޫފު ވިދާޅުވިއެވެ.
ޑީއާރުޕީގެ ސެކްރެޓަރީޖެނެރަލް އަބުދުއްރަޝީދު ނާފިޒު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ބޮއިކޮޓްކުރުމުގެ ވިސްނުމެއް ބައެއް ޕާލަމެންޓޭރިއަނުން ގެންގުޅުއްވާކަމަށެވެ. ނަމަވެސް ރަސްމީގޮތުން ޑީއާރުޕީން އެފަދަކަމެއް ނިންމާފައިނުވާ ކަމަށެވެ. އަދި އެފަދަކަމެއް ނިންމާނީ ޕާލަމެންޓްރީ ގްރޫޕުން ކަމަށާއި، ޕާލަމެންޓްރީ ގްރޫޕުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑީއާރުޕީގެ ޑިޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އަލީ ވަހީދު މީގެކުރިން ވިދާޅުވެފައި ވަނީ، ތުލުސްދޫ އާއި ފުނަދޫގައި ސަރުކާރުން ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރަމުން ގެންދާނަމަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ރައީސް ނަޝީދުގެ ރިޔާސީ ބަޔާން އިއްވުމުގެ ބަދަލުގައި، ރައްޔިތުންގެ ހާލަތު އަންގައިދޭ ބަޔާނެއް އިވިގެންދާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަދައުރު ފެށުމުގެ ގޮތުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ގައުމުގެ ހާލަތު އަންގައިދޭ ރިޔާސީ ބަޔާން ރައީސް ނަޝީދު ހުޑަހަޅުއްވައިދެއްވާނެ އެވެ.