15 Jun 2015, 12:53
ފަތުރުވެރިކަމުގެ ބައިނަލްއަގުވާމީ އެވޯޑް 'ވޯލްޑް ޓްރެވަލް އެވޯޑްސް' އަންނަ އަހަރު ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަަމަށް އެމްއެމްޕީއާރުސީގެ މާކެޓިން އޮފިސާ ރީނާ އަބްދުލް ވާހިދު ވިދާޅުވެއްޖެ އެވެ.
ވޯލްޑް ޓްރެވެލް އެވޯޑްގެ ގްރާންޑް ފިނާލޭ ރާއްޖޭގައި ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ އަހަރު ޑިސެމްބަރު މަހުގަ އެވެ.
އެ އެވޯޑަކީ ފަތުރުވެރިކަމުގެ ދާއިރާގެ އޮސްކާ އެވޯޑްގެ ގޮތުގައި ފާހަގަކުރެވޭ އެވޯޑެކެވެ. އަންނަ އަހަރު ޑިސެމްބަރުގަ ބާއްވާ އެ އެވޯޑް ސެރަމަނީ އޮންނާނީ ކޮން ރިސޯޓެއްގަ ކަމެއް އަދި އެމްއެމްޕީއާރުސީން ނުނިންމައެވެ.
މި އެވޯޑް ދިނިމުގެ ރަސްމިއްޔާތު ރާއްޖޭގައި ބޭއްވުމުން ރާއްޖެ އިތުރަށް ޕްރޮމޯޓްވެގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
"މި އެވޯޑް ހަފްލާއަށް އަންނާނެ ފަތުރުވެރިކަމުގެ ދާއިރާގައި މުޅި ދުނިޔޭން ފާހަގަކޮށްލެވޭ ބޭފުޅުން،" އެމްއެމްޕީއާރުސީގެ އޮފިޝަަލަކު ވިދާޅުވި އެވެ.
މިއީ ބައިނަލް އަގުވާމީ ޓްރެވެލް އެވޯޑްގެ ގްރާންޑް ފިނާލޭ ރާއްޖާގައި ބާއްވާ ފުރަތަމަ ފަހަރެވެ. ނަމަވެސް މި އެވޯޑްގެ އިންޑިއަން އޯޝަން ކެޓަގަރީ ވަނީ މީގެ ކުރިން ރާއްޖޭގައި ބާއްވާފަ އެވެ.
އަންނަ އަހަރަކީ ރާއްޖެ އަށް ޒިޔާރަތްކުރާ އަހަރުގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. ރާއްޖޭގައި މިދިއަ މަހު ބޭއްވި ފަތުރުވެރިކަމުގެ ކޮންފަރެންސެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ވިޒިޓް މޯލްޑިވްސް އިޔާ ލޯގޯ ތައާރަފްކޮށްދެއްވާފައެވެ.
ދުނިޔޭގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ، އައިޓީބީ ބާލިން ފެއާ 2016 ގެ މެއިން ސްޕޮންސަރަކީ ރާއްޖެ އެވެ. ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް 2016 ވަނަ އަހަރު 10 މިިލިއަން ޑޮލަރު (154.2 މިލިއަން ރުފިޔާ)ގެ ބަޖެޓެއް ވަނީ ކަނޑައަޅާފަ އެވެ.