15 Jun 2015, 12:43
އުމުރުން 55 އަހަރު ވުމުން ވަޒީފާއިން ވަކިވާ ނަމަ ނުވަތަ ވަޒީފާއިން ވަކި ކުރާނަމަ ޕެންޝަން އިޔާޔަތް ލިބިދޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފި އެވެ.
ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ހުށަހަޅުއްވާފައި އިސްލާހުގައި ބުނެފައި ވަނީ ޕެންޝަން ސުކީމަށް ފައިސާ ދެއްކުމަށް ހަމަޖެހިފައި ވަނީ އުމުރުން 16 އަހަރާއި 60 އަހަރާ ދެމެދު ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ކަމަށެވެ.
ޕެންޝަން ގާނޫނުގައި މިހާރު ބުނެފައި ވަނީ ޕެންޝަން ލިބޭ އުމުރަކީ 65 އަހަރު ކަމަށެވެ. ނަމަވެސް މޫސަ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ޕެންޝަން ލިބޭ އުމުރަކީ 60 އަހަރު ކަމަށެވެ.
ޕެންޝަން ގާނޫނަކީ 2009 ވަނަ އަހަރު މަޖިލީހުން ފާސްކުރި ގާނޫނެކެވެ.
ދިވެހިރާއްޖޭގެ ރިޓަޔާމަންޓު ޕެންޝަން ސުކީމުގެ ބައިވެރިއަކު ކަމުގައިވާ ކޮންމެ މީހެއްގެ ޕެންޝަނަށް ބަލާ މުސާރައިގެ މަދުވެގެން ހަތް ޕަސެންޓު އަދި މުވައްޒަފަކު ވަޒީފާ އަދާ ކުރާ ތަނަކުން ހަތް ޕަސެންޓު ޕެންޝަނަށް ދައްކަންޖެހެ އެވެ.
ޕެންޝަން ފަންޑުގައި 3.5 ބިލިއަން ރުފިޔާ އެބަހުއްޓެވެ.