ކޮންމެ އަހަރަކު އުފެދޭ ގޮނޑު އަނެއްކާވެސް އުފެދިއްޖެ އެވެ. މީގެ ދެ ދުވަސް ކުރިން ނައިޓް މާކެޓު ނިމިފައިވާއިރު މާލޭގެ އިރުމަތި ފަރާތް ވަނީ ގޮނޑަކަށްވެފަ އެވެ. އެތައް ބަޔަކު ހިތްފަސޭހަ ކޮށްލުމަށް ގޮސް އުޅޭ ސަރަހައްދުގައި މިހާރު ހުރީ ހުސް ކުނި ބުންޏެވެ. ޕަލެޓާއި މޮހޮރުޖެހި ފިލަ އެވެ. ހުސް ފޮއްޓާއި ރަބަރު ޕެކެޓުތަކެވެ. ދެރަކަމަކީ މާކެޓު ނިމުންނުތާ ދެ ދުވަސްވީއިރު ވެސް އެ ސަރަހައދު ގޮނޑުކަން މަތީ އޮތުމުންނެވެ.

މިއަދު އެ ސަރަހައްދަށް ބަލާއިރު ބޮޑު ތަކުރުފާނު މަގުން މޫދަށް އެރޭ ޓުރެކުން ފެށިގެން ސުނާމީ ބިނާ ސަރަހައްދާ ހަމައަށް އޮތީ ކޮންމެވެސް ވަރަކަށް ސާފްކޮށްފަ އެވެ. ނަމަވެސް ސުނާމީ ބިނާއިން ފެށިގެން ތަސްކަލޫސާ އާއި ހަމައަށް އޮތީ ހަމަ ގޮނޑެއް ހެންނެވެ. އެ ސަރަހައްދުގައި މޭޒު ބަހައްޓާފައި ހުރި ގޯޅިތައް ވެސް ހުރީ ގޮނޑުކޮށްފަ އެވެ. އެކި ޒާތްޒާތުގެ ފިލަ އާއި ފޮށިތަކުން މުޅި ސަރަހައްދު ވަނީ ހަޑިކޮށްފަ އެވެ. މިއީ ކޮންމެ ނައިޓް މާކެޓަކާ ގުޅިގެން ކޮންމެ އަހަރަކު ވެސް އާންމުކޮށް ފެންނަ މަންޒަރެކެވެ.

ހިތްފަސޭހަ ކޮށްލުމަށާއި ކަސްރަތު ކޮށްލުމަށް ގިނަ ބަޔަކު ގޮސް އުޅޭ އެ ސަރަހައްދު ގޮނޑުވެފައި ވުމަކީ އެތައް ބައެއްގެ ޝަކުވާ އެވެ. ހަމައެއާއެކު އެ ސަރަހައްދުން ދަތުރު ފަތުރުކޮށް އުޅުން ވެސް އެތައް ބަޔަކަށް މި ވަނީ ދައްޗަކަށް ވެފަ އެވެ. ބައެއް އުޅަނދުތަކަށް ވެސް ދަނީ ގެއްލުންތައް ލިބެމުންނެވެ.

"މިއަދު ހެނދުނު ސައިކަލް ދުއްވާފައި މިދަނީ ބޮޑުތަކުރުފާނު މަގުން، ސުނާމީ ބިނާއާ އަރާ ހަމަވިތަނާ ސައިކަލް ހަން ފަޅައިގެން ހިނގައްޖެ، ރަނގަޅަށް ބެލިއިރު މަގު މެދުގައި އޮތީ މޮހޮރު ހުރި ފިލާގަނޑެއް. އެއަށް އެރުނީ." ނައިޓު މާކެޓު ސަރަހައްދު ސާފު ނުކޮށް ހުރުމުން ލިބުނު ގެއްލުން ކިޔައިދެމުން ޔޫސުފް ސޮއްވާން ބުންޏެވެ.

އެކަމާ ގުޅިގެން ނައިޓް މާކެޓު އިންތިޒާމް ކުރާ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފް މިއަދު ސަން އަށް ވިދާޅުވީ މިހާރު އެ ސަރަހައްދު ސާފު ކުުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މިރޭގެ ނިޔަލަށް އެ ސަރަހައްދު ސާފްކޮށް ނިންމާލެވޭނެ ކަމަށެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާއިން އެހެން ބުނި ނަމަވެސް މިއަދު ހެނދުން ފެށިގެން މިހާއިރަށް އެ ސަރަހައްދު ސާފު ކުރުމަށް އެސަރަހައްދުގައި މަސައްކަތް ކުރަނީ ވަރަށް މަދުބައެކެވެ. ބޮޑު ބައި ހަމަ ގޮނޑުކޮށްފައި އޮތީ އެވެ.

މާލޭގެ މަގުތައް ބަލަހައްޓާ ހައުސިން މިނިސްޓުރީގެ އެކްޒެކްޓިވް ކޯޑިނޭޓަރު އަބްދުﷲ ޝަރީފު މިއަދު ސަން އަށް ވިދާޅުވީ އެ ސަރަހައްދު ވިޔަފާރިވެރިންގެ ޖަމިއްޔާ އާއި ހަވާލުކޮށްފައި ވާނީ މާދަމާގެ ނިޔަލަށް ސާފްކޮށް ހަވާލުކުރާ ގޮތަށް ކަމަށެވެ.

ނައިޓު މާކެޓު ނިމުންތާ ދެ ދުވަސް ވެފައިވާއިރު ވެސް އެ ސަރަހައްދުން ގޮނޑަކަށް ވެފައިވާއިރު މި އަހަރުގެ މާކެޓްގައި ވެސް ބަދިގެ އާއި ކުޑަކުދިންނަށް ބޭނުންވާ އެކި ކުޅޭ ސާމާނުގެ އިތުރުން އަންނައުނު ލިބޭ 500 މޭޒު ބަހައްޓާފަ ހުއްޓެވެ.