ހއ. އުތީމު ގަނޑުވަރުގެ ބައެއް ތަންތަން މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ހެރިޓޭޖުންކޮށްފި އެވެ.

ހެރިޓޭޖް ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަލީ ވަހީދު ވިދާޅުވީ، އުތީމު ގަނޑުވަރުގެ އާބާތުރަ ފިލުވަން ކުރިއަށް ގެންދިޔަ މަސައްކަތުގެ ދަށުން އެ ގަނޑުވަރުގެ އިރުއުތުރު ކަނުގައިވާ އަށިގޭގެ ފަން ބަދަލުކުރުމުގެ މަސައްކަތް މިދިޔަ ހަފްތާގެ ތެރޭގައި ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން މިހާރު ކުރިއަށް ދަނީ ގަނޑުވަރުގެ ވަށާ ފާރުގައި އުވަލުމުގެ މަސައްކަތާއި ލަކުޑީގެ އާބާތުރަ ފިލުވައި ގިނަ ދުވަހަށް ދެމިހުންނާނެ ގޮތަށް ފަރުވާދިނުމުގެ މަސައްކަތް ކަމަށެވެ.

"މި މަސައްކަތަކީ އަޅުގަނޑުމެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ކުރިއަށް ގެންދާ މަސައްކަތެއް. ދެން މިފަހަރު ހުޅަނގު މޫސުމުގެ ވިއްސާރައާ ދިމާވުމުން އަށިގޭގެ ފަން ބަދަލުކުރުމުގެ މަސައްކަތް ތަންކޮޅެއް ލަސްވެސް ވެއްޖެ. އެހެން ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ވަރަށް ބާރަށް ކުރިއަށް އެބަދޭ،" ވަހީދު ވިދާޅުވިއެވެ.

އުތީމު ގަނޑުވަރު: އެކިފަހަރު މަތިން މަރާމާތު ކުރެވިފައިވާ މި އިމާރާތަކީ 400 އަހަރު ވެފައިވާ އިމާރާތެއް -- ސަން ފޮޓޯ: އަސްރާރު

އުތީމު ގަނޑުވަރަކީ، ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ބެލުމުގެ ދަށުގައި ހިމެނޭ އާސާރީ ތަންތަނުގެ ތެރެއިން އެ ޑީޕާޓްމަންޓާއި އަދި އުތީމު ކައުންސިލާއި އެ ރަށުގެ ރައްޔިތުން ވެސް ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަމުން އަންނަ ތަނެކެވެ.

ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި ދިވެހީންގެ ގައުމީ ބަޠަލު އައްސުލްޠާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޡަމް "ބޮޑު ތަކުރުފާނު"ގެ ރަސްމީ ގެކޮޅަށް މިހާރު 400 ވަރަކަށް އަހަރު ވެފައިވާއިރު، މި ގަނޑުވަރަކީ ރާއްޖޭގެ އާސާރީ ތަރިކަތަކުގެ ތެރޭގައި ހިމެނޭ އެންމެ ފާހަގަކުރެވޭ އެއް ތަރިކައެވެ.