15 Jun 2015, 11:42
ށ. މިލަންދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުުރުމަށް އަޅާ ހަތަރު ބުރީގެ އާ އިމާރަތުގެ މަސައްކަތް އެސްޖޭ ކޮންސްޓަރަކްޝަން ޓްރޭޑް ޕްރައިވެޓް ލިމެޓެޑާއި ހަވާލުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިލަންދޫ ސްކޫލްގެ އާ އިިމާރަތް އެޅުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލެވެ. އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހީމެވެ.
މި އިމާރާތަކީ 49.9 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން އަޅާ އިމާރާތެއް ކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އެ މަސައްކަތް ނިންމަން ޖެހެނީ ގާތްގަނޑަކަށް އެއް އަހަރު ދުވަސްތެރޭ ނިންމާ ގޮތަށެވެ.
"27 ކުލާސްރޫމާއި ޚާއްސަ 4 ކްލާސްރޫމާއި އަދި ލެބޯޓްރީތައްހުންނާނެ. މީގެ ތެރޭގައި ހިމެނޭނެ ކޮމްޕިއުޓާލެބް ފިޒިކްސް، ކެމިސްޓްރީ، ބަޔޮލޮޖީ ލެބްގެ އިތުރުން އެހެނިހެން ވަސީލަތްތައްވެސް މި އިމާރާތުގައި ހިމެނޭނެ" އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.
އެސްޖޭ ކުންފުނީގެ ޑިރެކްޓަރ ޝިހާދު ވިދާޅުވީ މި ޕްރޮޖެކްޓަކީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ޕްރޮޖެކްޓެއް ކަމަށެވެ.
"އިންޖީނިއަރިންގ އިން ފެށިގެންގޮސް ލޭބައާ ހަމައަށް އަޅުގަނޑުމެން ގެންގުޅޭނީ ދިވެހި މުއައްޒަފުން،" ޝިހާދު ވިދާޅުވި އެވެ.
އެ އިމާރާތް ނިމި އެތަނުގައި ކިޔަވައިދޭންފެށުމުން ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.