15 Jun 2015, 10:52
އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާ ކުރި ކަމަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކު ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އެއްބަސްވެއްޖެ އެވެ.
އާފިޔާގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފަ އެވެ.
ގަސްތުގައި ކުއްޖަކު މަރާލުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވިކަމުގެ ދައުވާ އެވެ.
އާފިޔާގެ މައްޗަށް ގަސްތުގައި ކުއްޖަކު މަރާލުމުގެ ދައުވާ އުފުލަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އިބްތިހާލު ނޭވާ ހާސްކުރުމުގެ ގޮތުން އޭނާގެ ކަރަށް ފިތާ، ފައިން ޖަހާ އަނިޔާ ކުރުމުގެ ސަބަބުން މިއަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު 12:00 އެހާ ކަންހާރި އިބްތިހާލު މަރުވެފައިވާ ކަމަށެވެ.
އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އުފުލަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެ ދައުވާ އާފިޔާގެ މައްޗަށް އުފުލާފައި ވަނީ ތަފާތު އެކި ދުވަސްމަތިން މުހައްމަދު އިބްތިހާލު ގައިގައި ތަޅާ ޖިސްމާނީ އަނިޔާކޮށްފައި ވާތީ ކަމަށެވެ.
އިބްތިހާލަށް އަނިޔާކޮށްފައި: އޭނާގެ މަރުވީ މަންމަގެ ފަރާތުން ލިބުނު އަނިޔާތަކެއްގައި ކަމަށް ބެލެވޭ-
އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާ އާފިޔާގެ މައްޗަށް އުފުލާފައިވަނީ ކުޑަކުދިންގެ ހައްގުތަށް ރައްކާތެރި ކުރުމާއި ބެހޭ ގާނޫނުގެ 16 އަދި 18 ވަނަ މާއްދާއާ ހަވާލާދީ ގާނޫނުލްއުގޫބާތުގެ 88 ވަނަ މާއްދާގެ ށ ގެ ދަށުންނެވެ.
އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާއަށް ޖަވާބު ދާރީވަމުން އާފިޔާ ބުނީ އޭނާ އިބްތިހާލަށް އަނިޔާ ކުރި ކަމަށް އެއްވެސް މަޖުބޫރު ކަމެއް ނެތި އިއުތިރާފުވާ ކަމަށެވެ.
"އަޅުގަނޑުގެ އަމިއްލަ އަތުން ދަރިފުޅުގައިގައި ތެޅީ" މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ބިޑިއަޅުވާފައި އިން އާފިޔާ ދައުވާއަށް ޖަވާބުދާރީ ވަމުން ބުންޏެވެ.
އާފިޔާ ބުނީ އޭނާގެ މަންމަ ކައިރިން ދަރިފުޅު އޭނާގެ ކައިރިއަށް ބަދަލު ކުރި ދުވަހުން ފެށިގެން އަނިޔާ ކުރި ކަމަށާއި، އަނިޔާ ކުރީ "އެއީ ބައްޕަ ނެތް ކުއްޖަކަށް ވާތީ" ކަމަށެވެ. އާފިިޔާ ބުނީ އޭނާ ރުޅި އަންނަ ކޮންމެ ފަހަރަކު އިބްތިހާލަށް އަނިޔާ ކުރާ ކަމަށެވެ.
އިބްތިހާލަށް އަނިޔާ ކުރި ކަމަށް އާފިޔާ އިއުތިރާފުވުމުން ގާޒީ ވަނީ ތަކުރާރުކޮށް އޭނާ އާއި ސުވާލުކޮށްފަ އެވެ. އެ ހުރިހާ ސުވާލަކަށް ވެސް އާފިޔާ ބުނީ "އަޅުގަނޑު އަނިޔާކުރިން" ކަމަށެވެ.
އެކި ދުވަސް މަތިން އިބްތިހާލު ގައިގައި ޖަހާ ހަދަންތޯ ދައުލަތުގެ ވަކީލު ސުވާލު ކުރުމުން އާފިޔާ ބުނީ އެކި ދުވަސް މަތިން ވެސް އަނިޔާ ކުރާ ކަމަށެވެ.
އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާއަށް އާއިފާ އިއުތިރާފުވުުމުން ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ އާފިޔާ ފުލުހުންނަށް ދިން ބަޔާން އެކަންޏެވެ.
އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާގެ އިތުރުން އާފިޔާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަސްތުގައި ކުއްޖަކު މަރާލުމުގެ މައްސަލައިގައި ވަކީލަކު ބޭނުންވާތީ ގާޒީ ސުވާލު ކުރުމުން އާފިޔާ ބުނީ ވަކީލަކު ބޭނުން ނުވާ ކަމަށެވެ. އަދި ވަކީލަކު ބޭނުން ނުވަނީ ވަކީލަކު ހޯދުމުގެ މާލީ ތަނަވަސް ކަމެއް ނެތުމުން ކަމަށެވެ.
ދައުލަތުން ވަކީލަކު ހަމަޖައްސައި ދޭ ނަމަ ވަކީލެއްގެ އެހީ ބޭނުންވާ ކަމަށް އާފިޔާ ވަނީ ބުނެފަ އެވެ. ގާޒީ މުހުތާޒު ފަހުމީ ވިދާޅުވީ ދައުލަތުގެ އެހީގައި ވަކީލަކު ބޭނުންވާނަމަ ފޯމު ހުށަހެޅުމަށެވެ.
އިބްތިހާލު މަރުވެފައި އޮއްވާ ފެނުނުނު އިރު، އޭނާގެ އުރަވަޅި އޮތީ ދުޅަވެފައި އޮއްވަ އެވެ. ބެލެވޭ ގޮތުން އެއީ ބާރަށް ޖެހުމުން ވެދާނެ ގޮތެކެވެ. އަދި އިބްތިހާލު މަރުވި ދުވަހުގެ ކުރީ ދުވަހު އެ ކުއްޖާއަށް ޖޫސްތައްޓެއް ދިނުމުގެ އިތުރުން ރޭގަނޑުވަންދެން ކާއެއްޗެއް ނުދީ ހުރިކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އިބްތިހާލަށް ޖިންސީ ގޯނާ ކުރި މައްސަލާގައި، އާފިޔާގެ ދޮން ބައްޕަގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ.