ރާއިދު ޤަދޫރާއަކީ މެލޭޝިއާގެ ޔުނިވަސިޓީއެއްގައި ފޮލިޓިކަލް ސައިންސްގެ ދާއިރާއިން މާސްޓާސް ޑިގްރީއަށް ކިޔަވަމުން އަންނަ ދަރިވަރެކެވެ. މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި އޭނާ ދިރިއުޅެނީ ސަލަމާތާއި ރައްކާތެރިކަމުގައެވެ. ނަމަވެސް އަމިއްލަ ވަޒަނުގައި ތިބި ގާތްތިމާގެ މީހުންނާއި އެކުވެރިންގެ ހާލާމެދު އޭނާ ކަންބޮޑުވާ ކަންބޮޑުވުމަކަށް ބަދަލެއް ނާދެ އެވެ.

ފަލަސްތީނުގެ ހާލަތު ދުނިޔޭގެ މުސްލިމުންނަށް ވަރަށް ރަނގަޅަށް އޮޅުން ފިލުވައިދޭން ބޭނުންވެ އެވެ. އޭނާގެ މަސައްކަތް ފެށީ މެލޭޝިއާގައެވެ. ފޯރަމްތައް ބޭއްވުމާއި މީޑިއާއަށް އިންޓަވިއު ދިނުން ފަދަ ކަންތައް އޭނާ ކުރަނީ އިސްރާއީލުގެ އަނިޔާވެރިކަމުގައި ތިބި ފަލަސްތީނު މީހުންގެ ހާލަތު މުސްލިމުންނަށް ބަޔާން ކޮށްދިނުމަށެވެ. ޚާއްސަކޮށް ޤުދުސާއި ޣައްޒާގެ ހާލަތާ މެދު އޮތް ކަންބޮޑުވުން ހާމަކޮށްދިނުމަށެވެ. އެ ވާހަކަތައް ދިވެހިންނާވެސް ހިއްސާކޮށްފައެވެ.

"...ޤުދުސްގެ މައްސަލައަކީ ހަމަ އެކަނި ފަލަސްތީނު މީހުންގެ މައްސަލައެއް ނޫން. އެއީ އެންމެހާ މުސްލިމުންގެ މައްސަލައެއް. އެ ރަށުގައި އެ ހުރީ މުސްލިމުންގެ ފުރަތަމަ ޤިބުލަ. އިސްރާއީލުން އެ ދަނީ އެތަން ހަލާކު ކުރަމުން،" ސަން އަށް ދިން އިންޓަވިއުގައި ޤަދޫރާ ބުންޏެވެ.

ޣައްޒާއާ ބެހޭ ގޮތުން ސުވާލު ކޮށްލުމުން އޭނާ ބުނީ އެރަށުގެ ދިރިއުޅުން، މީހަކަށް ތަސައްވުރު ކޮށްލެވޭ ފަދަ މޭރުމަކުން ކިޔައި ވެސް ނުދެވޭނެ ކަމަށެވެ.

"...ޣައްޒާގެ ހާލަތު މިފަދަ އިންޓަވިއުއެއްގައި ކުރުކޮށް ކިޔައި ވެސް ނުދެވޭނެ. އަހަރެންނަށް ބުނެވޭނީ ޣައްޒާގެ ހާލަތު ވަރަށް ވަރަށް ގޯހޭ. އެރަށުގެ މީހުން ވަނީ ހަ އަހަރަށް ވުރެ ކުރު މުއްދަތެއްގައި ތިން ހަނގުރާމަ ތަޖުރިބާ ކޮށްފައި،" އޭނާ ބުންޏެވެ.

އިސްރާއީލުން އެންމެ ފަހުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގި އުދުވާނުގައި 2300 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އަދި އޭގެ އިތުރުން 25000 މީހުން ޒަހަމްވިއެވެ. އެރަށުގެ ގިނަ އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ. ނުވަތަ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އެކަމުގެ ސަބަބުން 100،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުނެވެ. ޤަދޫރާ ބުނީ ގެދޮރު ގެއްލުނު މީހުން އަދިވެސް ތިބީ އެހާލުގައި ކަމަށެވެ.

"...ބައިނަލް އަގުވާމީ މުޖުތަމައުން ވައުދުވި، ޣައްޒާ އަލުން ބިނާ ކުރުމަށް. އެ މީހުން އަބަދުވެސް ބުނޭ ޣައްޒާ އަލުން އިމާރާތް ކުރާނަމޭ. އަލުން އިމާރާތް ކުރާނަމޭ. އެކަމަކު އެކަމެއް ނުވޭ. އިމާރާތް ކުރުމަށް ބޭނުން ކުރާ ސިމެންތި، ފަދަ އެއްވެސް އެއްޗެއް ޣައްޒާއަށް އެތެރެވިޔަކަ ނުދޭ އިސްރާއީލުން،" ޤަދޫރާ ބުންޏެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޣައްޒާ އަލުން ބިނާކުރުމާ މެދު މަޝްވަރާ ކުރުމަށް މިދިޔަ އަހަރު މިސްރުގެ ވެރިރަށް ޤާހިރާގައި ބޭއްވި ސަމިޓްގައި ގައުމުތަކުން ވައުދުވީ 5.4 ބިލިޔަން ޑޮލަރުގެ ތެރެއިން އެރަށުގެ ރައްޔިތުންނަށް ލިބުނީ އެންމެ ފަސް ޕަސެންޓެވެ. އެހެންވެ، އެރަށުގައި އިންސާނީ އެހީ ދިނުމުގެ މަސައްކަތް ކުރަމުން ދިޔަ ގިނަ ޖަމާއަތްތަކަކަށް މަޖުބޫރުވީ އެމަސައްކަތް ހުއްޓައިލާށެވެ.

"...މީހުން އަދިވެސް ދިރިއުޅެނީ ޔޫއެންގެ ސްކޫލްތަކާއި ސަރުކާރުގެ ސްކޫލްތަކުގައި. ހަލާކުވެފައިވާ އިމާރާތްތަކުގައި ވެސް ބައެއް މީހުން ދިރިއުޅޭ. ޣައްޒާގެ ރައްޔިތުން އެ ދަނީ މަޑުމަޑުން މަރުވަމުން. އެމީހުންގެ ހުރިހާ ހަރަކާތެއް އިސްރާއީލުން ބަލައި، އެމީހުންގެ ހުރިހާ ހަރަކާތެއް ވެސް ކޮންޓްރޯލް ކުރޭ،" ޤަދޫރާ ބުންޏެވެ.

އޭނާ ބުނީ ބޭނުންވާ އަސާސީ ތަކެތި ހޯދުމަށް ޣައްޒާގެ ރައްޔިތުން ދާން އޮތް ތަނަކީ މިސްރު ކަމަށެވެ. ނަމަވެސް މިސްރުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީގެ ވެރިކަން ވެއްޓުނު ފަހުން މިސްރަށް ދިއުން ވަރަށް އުނދަގޫ ކަމަށް އޭނާ ބުންޏެވެ.

"...މުރުސީގެ ވެރިކަމުގައި ރަފަހު ބޯޑަރު ހުރަސް ކުރަން ވަރަށް ފަސޭހަ. ނަމަވެސް މިސްރުގައި ހިނގި ކަންތައްތަކަށް ފަހު އައި ސަރުކާރުން އެކަން ބަދަލުކޮށްފި. އެންމެ ފަހުން ވެސް ރަފަހު ބޯޑަރު ހުޅުވީ 120 ވަންދެން ބަންދުކޮށްފައި ބޭއްވުމަށް ފަހު. ހުޅުވީ ވެސް ތިން ދުވަހަށް،" މިސްރަށް ދަތުރުކުރުމަށް އޮތް ދަތިކަން ކިޔައިދެމުން ޤަދޫރާ ބުންޏެވެ.

އޭނާ ބުނީ ރަފަހު ބޯޑަރު އަދިވެސް އޮންނާނީ ބަންދުކޮށްފައި ކަމަށް މިސްރު ސަރުކާރުން އަންގާފައިވާ ކަމަށެވެ. އެއީ މިސްރުގެ ސިނާއީ ސަހައްދުގައި ހިނގަމުން އަންނަ ކަންތައްތަކާ ހެދިއެވެ.

ސައިނާއީ ސަރަހައްދުގައި އިސްލާމިކް ސްޓޭޓް (އައެސް) އިން ދަނީ މިސްރު ސިފައިންނާ ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ.

ޤަދޫރާ ކަންބޮޑުވަނީ ހަމަ އެކަނި ޣައްޒާގެ ހާލަތާއި މެދުގައެއް ނޫނެވެ. ޤުދުސް އިން ވެސް އިވެނީ ވަރަށް ބިރުވެރި ވާހަކަ ތަކެކެވެ. އިސްރާއީލުން ވަރަށް ކުރިއްސުރެ މަސައްކަތް ކުރަމުން އަންނަނީ އެރަށުން ފަލަސްތީނީން ހުސްކުރުމަށެވެ. އަދި އޭގެ އިތުރުން އެމީހުން ގެންދަނީ އަޤުސާ މިސްކިތް ހަލާކު ކުރުމަށެވެ. އެމީހުން ގެންދަނީ ވަރަށް ސިއްރުން އެ މަސައްކަތް ކުރަމުންނެވެ.

"...އެމީހުން އެ ގެންދަނީ މަސްޖިދުލް އަޤުސާގެ ދަށުން އެތައް ބިންގަރާހެއް ކޮންނަމުން. މިހާރު އެމީހުންގެ ޕްރޮފެސަރުންނާއި ސައިންސްވެރިން ގަބޫލުކުރަނީ އެމީހުންނަށް މަސްނޫއީ ބިންހެލުމެއް އުފެއްދިދާނެ ކަމަށް. އެމީހުން ކޮންނަމުން އެދަނީ އެބޭނުމަށް ކަމަށް ވަނީ،" ޤަދޫރާ ބުންޏެވެ.

ޣައްޒާއާއި ޤުދުސްގެ ހާލަތާ ބެހޭ ގޮތުން މުސްލިމުންނަށް މައުލޫމާތު ދީ ހޭލުންތެރިކަން އުފެއްދުމަށް ކުރާ ދަތުރުގައި ޤަދޫރާ އާއި އޭނާގެ ބައިވެރިން ދެން ދާނީ ދުނިޔޭގެ މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމު ކަމަށްވާ އިންޑޮނޭޝިއާ އަށެވެ.