15 Jun 2015, 10:43
ޕްރިޓޯރިޔާ (ޖޫން 15): ރަސްމީ ދަތުރުފުޅެއްގައި ދެކުނު އެފްރިކާއަށް ވަޑައިގެން އުޅުއްވާ ސޫދާނުގެ ރައީސް އުމަރު ހަސަން އަހްމަދުލްބަޝީރު ދެކުނު އެފްރިކާއިން ފުރުން މަނާކުރުމުގެ އަމުރެއް އެގައުމުގެ ކޯޓަކުން ނެރުނު ނަމަވެސް އެކަމާމެދު ކަންބޮޑުނުވާ ކަމަށް ސޫދާން ސަރުކާރުން ބުނެފި އެވެ.
ސޫދާނުގެ ޚާރިޖީ ވުޒާރާއިން ބުނީ އެފްރިކާގެ އިއްތިޙާދުގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސް ބަޝީރު ދެކުނު އެފްރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ސޫދާނަށް ވަޑައިގަންނަވާނެ ކަމަށާއި ރައީސް ބަޝީރު ދެކުނު އެފްރިކާއިން ފުރުން މަނާކުރުމަށް އެގައުމުގެ ކޯޓަކުން ނެރެފައިވާ އަމުރާމެދު ކަންބޮޑުނުވާކަމުގައެވެ.
މިއަމުރުގައި ބުނަނީ، ބަޝީރު ހައްޔަރުކޮށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓާ ޙަވާލުކުރުމަށް ދެކުނު އެފްރިކާ ސަރުކާރަށް ގޮވާލައި އެކޯޓުން ނެރެފައިވާ ބަޔާނާމެދު ގޮތެއް ނިންމުމަށްޓަކައި އޭނާ ދެކުނު އެފްރިކާއިން ފުރުން މަނާ ކުރާކަމުގައެވެ.
ރިޕޯޓްތައް ބުނާގޮތުން ދަށުކޯޓުގެ މިއަމުރާބެހޭގޮތުން ގޮތެއް ނިންމުމަށްޓަކައި ދެކުނު އެފްރިކާގެ ހައިކޯޓުގައި މިކަމާބެހޭ އަޑުއެހުމެއް މިއަދު ބާއްވާނެ އެވެ. މިއަޑުއެހުމަށްފަހު ރައީސް ބަޝީރު ދެކުނު އެފްރިކާއިން ފުރުން މަނާކުރުމަށް ގޮވާލައި ދަށުކޯޓުން ނެރެފައިވާ އަމުރު ހައިކޯޓުން ބާތިލްކުރާނެ ކަމަށް ބެލެވޭކަމަށް މުރާސިލުން ބުނެއެވެ.
ދެކުނު އެފްރިކާގައި ވެރިކަންކުރާ ނެޝަނަލް ކޮންގްރެސް ޕާޓީން ބުނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަކީ އެކޯޓު އުފެއްދި މަގްސަދާ މުޅިން ޚިލާފަށް ސިޔާސީ މިސްރާބަކަށް މިހާރު މަސައްކަތްކުރާ ކޯޓެއްކަމަށާއި އެހެންކަމުން އެކޯޓުގެ އަމުރުތަކަކީ އެގައުމަށް މުހިއްމު އަމުރުތަކެއް ނޫންކަމުގައެވެ. އަދި ރައީސް ބަޝީރު ހައްޔަރުކުރުމަށް ގޮވާލައި 2009 ގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ނެރެފައިވާ އަމުރަށް ތަބާނުވުމަށް އެފްރިކާގެ އިއްތިޙާދުގެ ގައުމުތަކުން ނިންމާފައިވާ ކަމަށާއި އެ ކޯޓަކީ އެފްރިކާގެ ގައުމުތަކުގެ ލީޑަރުންނާމެދު ޒާތީ ގޮތްތަކެއް ގެންގުޅޭ ކޯޓެއްކަމަށް އެފްރިކާގެ އިއްތިޙާދުގެ ލީޑަރުން ނިންމާފައިވާ ކަމަށްވެސް ދެކުނު އެފްރިކާގައި ވެރިކަންކުރާ ނެޝަނަލް ކޮންގްރެސް ޕާޓީން ނެރުނު ބަޔާނެއް ބުނެއެވެ.
ސޫދާނުގެ ރައީސް ދެކުނު އެފްރިކާއަށް ވަޑައިގަތުމުގެ ތަންކޮޅެއް ކުރިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓުންވަނީ ރައީސް ބަޝީރަކީ ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ ތުހުމަތުގައި ޝަރީއަތް ހިންގުމަށް އެ ކޯޓަށް ބޭނުންވެފައިވާ ބޭފުޅެއް ކަމަށްބުނެ އޭނާ ދެކުނު އެފްރިކާއަށް ވަޑައިގެންފިނަމަ ހައްޔަރުކޮށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓާ ޙަވާލުކުރުމަށް އެގައުމަށް ގޮވާލައި ބަޔާނެއް ނެރެފައެވެ.
ބަޝީރު ޖޮހަނަސްބާގް އަށް އިއްޔެ ވަޑައިގެންފައިވަނީ އެރަށުގައި ކުރިޔަށްދާ އެފްރިކާގެ އިއްތިޙާދުގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށެވެ.
ދެކުނު އެފްރިކާއާއި ސޫދާނަކީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓް އުފެއްދުމުގެ މުއާހަދާކަމަށްވާ ރޯމް ކޮންވެންޝަންގައި ސޮއިކޮށްފައިވާ 132 ގައުމުގެ ތެރޭގައި ހިމެނޭ ދެގައުމެވެ.
ރައީސް ބަޝީރުގެ މައްޗަށް އެކޯޓުން ކޮށްފައިވަނީ ސޫދާންގެ ދާރުފޫރުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި އެ ސަރަހައްދުގެ އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތެވެ. މިތުހުމަތުގައި ބަޝީރު ހައްޔަރު ކުރުމުގެ އަމުރު 2009 ގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ނެރެފައިވީނަމަވެސް ބަޝީރު ޒިޔާރަތް ކުރައްވާ އެއްވެސް ގައުމަކުން އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ.
މި އަމުރަށްފަހު މިސްރާއި ސައޫދީ އަރަބިޔާއާއި އިންޑޮނީޝިޔާއާއި އެނޫންވެސް ބައެއް ގައުމުތަކަށް ބަޝީރު ޒިޔާރަތް ކުރައްވާފައިވެއެވެ. ނަމަވެސް އެއިން އެއްވެސް ގައުމަކުން އޭނާ ހައްޔަރުކޮށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓާ ޙަވާލުކުރަން މަސައްކަތްކޮށްފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)