އާންމުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަން ބޭނުންވާ ހިޔާލުތައް ފަސޭހަކަމާއެކު ފޮނުވުމަށް ރައީސް އޮފީހުގެވެބްސައިޓްގައިހާއްސަ ސެކްޝަނެއް ލޯންޗުކޮށްފި އެވެ.

ސަރުކާރުގެ މަޝްރޫޢުތަކާއި، ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ ގޮތުން ޚިޔާލެއް ނުވަތަ ކަންބޮޑުވުމެއް އޮތްނަމަ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމަށް ތައްޔާރުކޮށްފައިވާ ސެކްޝަން ފަރުމާކޮށްފައި ވަނީ، ދިވެހިބަހުގެ އިތުރުން "ޑިއަ ޕްރެޒިޑެންޓް"ގެ ނަމުގައި އިނގިރޭސިބަހުން ވެސް ޕޭޖެއް ހިމެނޭ ގޮތަށެވެ.

އާންމުންގެ ފަރާތުން ރައީސަށް ހުށަހަޅަން ބޭނުންވާ ހިޔާލާއި ކަންބޮޑުވުންތައް ޖުމުލަ ނުވަ ކެޓަގަރީއަކަށް ބަހާލާފައިވާއިރު، އޭގެ ތެރޭގައި ގެދޮރުވެރިކަން، ދަނޑުވެރިކަން، ތައުލީމު، މަސްވެރިކަން، ސިއްހަތު، ފަތުރުވެރިކަން، ޒުވާނުންނާއި ކުޅިވަރު އަދި "އެހެނިހެން" ހިމެނެ އެވެ.

ފޯމު ފަރުމާކޮށްފައި ވަނީ، ފޮނުވާ މީހާގެ، ނަން، އުމުރު، ފޯން ނަންބަރު، އީމެއިލް، އަދި ދޭން ބޭނުންވާ މެސެޖް ހިމެނޭ ގޮތަށެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ހިޔާލު ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމްގެ ސްކްރީން ޝޮޓެއް --

ރައީސް އޮފީހުގެ ވެބްސައިޓަށް އިއްޔެ އިތުރުކޮށްފައިވާ މި ހާއްސަ ޕޭޖުގައި، އާންމުން ފޮނުވާ ހިޔާލުތައް ވަކިން ފެންނާނޭގޮތް ވެސް ހަދާފައިވެ އެވެ.

ރައީސް އޮފީހުން އަލަށް ތައާރަފް ކުރި މި ޚިދުމަތާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ، ސަންއަށް މިއަދު ވިދާޅުވީ، މިފަދަ ވިއުގައެއް ރައީސް އޮފީހުގެ ވެބްސައިޓްގައި ގާއިމްކުރުމުގެ އެންމެ މުހިއްމު މަގުސަދަކީ، ގައުމީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އާންމު ރައްޔިތުންގެ ވިސްނުމާއި ފިކުރު ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ވީހާވެސް ބޮޑަކަށް ހިމެނުން ކަމަށެވެ.

"މިފަދަ ވިއުގައެއް ބޭނުން ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ސަރުކާރުން ކުރިއަށް ގެންދާ ނުވަތަ ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުން އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ހިޔާލާއި ކަންބޮޑުވުންތައްވެސް ހިއްސާ ކުރެވޭނެ ގޮތް ހެދުން. މިހާރު ރާއްޖޭން ބޭރުގަ ތިއްބަވާ ބޭފުޅުންނަށް ވެސް އަދި ރާއްޖޭގައި އުޅުއްވާ ބޭފުޅުންނަށްވެސް އެބޭފުޅުންގެ ހިޔާލުފުޅުތައް ސީދާ ރައީސްގެ އަރިހަށް ފަސޭހަކަމާއެކު ފޮނުއްވޭނެ،" މުއާޒް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، އާންމުން ހިޔާލާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމަށް ހުޅުވާލާފައިވާ، ވިއުގައަށް އާންމުންގެ ފަރާތުން ފޮނުވާހިޔާލުތަކާއި ކަންބޮޑުވުންތައް، ރައީސް ބެއްލެވުމަށްފަހު އެ ޕޭޖްގައި އާންމުކޮށް ޝާއިއުކުރަމުން ގެންދާނެ ކަމަށެވެ.