ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ތިން މެމްބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ތިން ބޭފުޅެއްގެ ނަންފުޅު ދިރާސާ ކުރެއްވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން މަޖިލީހަށް ފޮނުއްވާފައި ވަނީ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު މުފީދާއި އައިޝަތު އަފުރީނު މުހައްމަދުގެ އިތުރުން އައިޝަތު އީނާޝްގެ ނަންފުޅެވެ.

އެ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 33 ބޭފުޅަކު ވަނީ ކުރިމަތިލާފައި އެވެ.

އެޗްއާރުސީއެމްގައި ތިއްބެވި ފަސް މެމްބަރުންގެ ތެރެއިން ދައުރު ހަމަވަނީ އެ ކޮމިޝަންގެ ރައީސާއި މަރިޔަމް އަޒްރާ އަހުމަދާއި އެ ކޮމިޝަންގެ މެމްބަރު އަހުމަދު ތޮލާލް އަދި އެ ކޮމިޝަންގެ މެންބަރު ޖީހާން މުހައްމަދެވެ. އެ ތިން މެމްބަރުންގެ މަގާމުގެ މުއްދަތު އަންނަ އޮގަސްޓް މަހުގެ 17 އަށް ހަމަވާނެ އެވެ.

މިއަދުގެ ޖަލްސާގައި ބަންގްލަދޭޝްގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް، ގ.ވައިޖެހޭގެއ ގެ، ޑޮކްޓަރ މުޙައްމަދު ޢާޞިމްގެ ނަންފުޅު ދިރާސާ ކުރެއްވުމަށް ގައުމީ ސަލާމަތުގެ ކޮމިޓީއަށް ވެސް ވަނީ ފޮނުއްވާފައި އެވެ.