15 Jun 2015, 10:24
ޕޯޓް އޮޕްރިންސް (ޖޫން 15): އެމެރިކާ އާއި ވެނެޒުއެލާއާ ދެމެދު ކެނޑިފައިވާ ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމް ކުރުމާ ބެހޭ މަޝްވަރާތައް އެ ދެ ގައުމުން ފަށައިފި އެވެ.
އެ މަޝްވަރާތައް ކުރިއަށް ދަނީ ކެރީބިޔަންގެ ގައުމެއް ކަމަށްވާ ހެއިޓީގަ އެވެ. ހެއިޓީގެ ޚާރިޖީ ވުޒާރާ ބުނާ ގޮތުން ވެނެޒުއެލާ އާއި އެމެރިކާގެ މަޝްވަރާތަކުގައި އެ ދެ ގައުމުގެ ޚާރިޖީ ވުޒާރާގެ ބައެއް މަސްއޫލުވެރިންނާއި ފަންނީ މާހިރުން ބައިވެރިވެ ވަޑައިގަންނަވަ އެވެ. އެ މަޝްވަރާތައް ކުރިޔަށް ދަނީ ހެއިޓީގެ ސަރުކާރު މެދުވެރިއަކަށްވެގެންނެވެ.
އެމެރިކާ އާއި ވެނެޒުއެލާއަކީ ވަރަށްފަހަކާ ޖެހެންދެން ހަތުރުންގެ ގޮތުގައި ތިބި ދެ ގައުމެވެ. ދެގައުމުގެ ގުޅުންތައް ގޯސްވެ ހަތުރުންނަށް ވެފައި ވަނީ ވެނެޒުއެލާގެ ކުރީގެ ރައީސް ހޫގޯ ޗާވޭޒް އާއި އެމެރިކާގެ ކުރީގެ ހަރުކަށި ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގަ އެވެ. އެއަށްފަހު މިހާރުގެ ރައީސް ނިކޮލަސް މަދޫރޫ ވެރިކަމާ ޙަވާލުވެވަޑައިގެންނެވުމާއެކު މަދޫރޫގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު ވެނެޒުއެލާގެ ސަރުކާރުން އެމެރިކާގެ މައްޗަށް ކުރުމާއެކު އެމެރިކާގެ ބައެއް ޑިޕްލޮމޭޓުން ވެނެޒުއެލާއިން ބޭރުކޮށްލުމާ އެއަށް ރައްދު ދިނުމުގެ ގޮތުން ވެނެޒުއެލާގެ ބައެއް ޑިޕްލޮމޭޓުން އެމެރިކާއިން ބޭރުކޮށްލުމުން ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުންތައް ވެސް ކެނޑިގެން ދިޔަ އެވެ.
ނަމަވެސް މި އަހަރުގެ ކުރީ ކޮޅުން ފެށިގެން ދެ ގައުމުގެ މަސްއޫލުވެރިންވަނީ ބަހުގެ ޙަމަލާތައް ހުއްޓާލެއްވުމަށްފަހު މައިތިރިކަން އިޚްތިޔާރުކުރައްވަން ފަށްޓަވާފައެވެ. އަދި މިދިޔަ މާޗްމަހާއި މޭމަހާ ދެމެދު އެމެރިކާގެ ޚާރިޖީ ވަޒީރުގެ މުސްތަޝާރު ތޯމަސް ޝަނޫން ވަނީ ދެފަހަރެއްގެ މަތިން ވެނެޒުއެލާއަށް ވަޑައިގެން އެގައުމުގެ ރައީސް ނިކޮލަސް މަދޫރޫ އާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުންތަކަށްފަހު ދެގައުމުގެ ގުޅުންތައް އަލުން އިޢާދަކުރުމާބެހޭގޮތުން ދެގައުމުގެ މަސްއޫލުވެރިން މަސައްކަތް ކުރައްވަމުން ގެންދަވާފައިވެއެވެ. އަދި ދާދިފަހުން ބޭއްވި އެމެރިކާގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި އެމެރިކާއާއި ވެނެޒުއެލާގެ އިސްވެރިން ބައްދަލުކުރައްވައި ގުޅުންތައް ރަނގަނޅު ކުރުމަށް އެއްބަސްވެ ވަޑައިގެންފައިވެއެވެ. (ރޮއިޓާސް)