15 Jun 2015, 10:14
ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓް ސަރަހައްދުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ރަޖިސްޓްރީ ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު މިނިސްޓްރީ އިކޮނަމިކް ޑިވެލޮޕްމެންޓް ހިންގި ސެޝަނުގައި 56 ފަރާތަކުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީ އިކޮނަމިކް ޑިވެލޮޕްމެންޓްގެ ޑެޕިއުޓީ މިނިސްޓަރު އަދި ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ އެއީ ވަރަށް ކާމިޔާބް ސެޝަނެއް ކަަމަށެވެ.
"ވަރަށް ކާމިޔާބު ސެޝަނެއް. ރަޖިސްޓްރީ ކުރަން އައި ފަރާތްތަކުން ވަރަށް ބޮޑަށް ޝުކުރު އަދާކުރި އެ ފަރާތްތަކަށް ޚާއްސަކޮށްގެން މިފަދަ ޕްރޮގްރާމެއް ހިންގީީމަ،" ވިސާމް ވިދާޅުވިއެވެ.
މި ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ.
މި ސެޝަނުގައި ވަނީ ވަގުތުން ވިޔަފާރިތައް ރަޖިސްޓްރީކޮށްދީފަ އެެވެ. އަދި ވިޔަފާރި ނަން ވެސް ވަނީ ވަގުތުން ފާސްކޮށްދީފަ އެވެ. ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ފޯމް ފުރުމުގަ އާއި ކަމާ ގުޅޭ މައުލޫމާތު ވެސް ވަނީ އިކޮނަމިކް މިނިސްޓްރީގެ މުއައްޒަފުން ދީފަ އެވެ.
ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގައިވާ ގޮތުން ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއް ރަޖިސްޓްރީ ކުރަން ޖެހެއެވެ. މިއަހަރުގެ މިހާތަަނަށް 4500 އަށް ވުރެ ގިނަ އަމިއްލަ ވިޔަފާރި ވަނީ ރަޖިސްޓްރީކޮށްފަ އެވެ.