ރެއާލް މެޑްރިޑް ގޯލް ކީޕަރު އިކާ ކަސިއަސް އެޓީމް ދޫކޮށްލަން ހަމަޖަހިފައިވާ ކަމަށާއި އޭނާގެ ބަދަލުގައި މެންޗެސްޓާ ޔުނައިޓަޑްގެ ސްޕެއިންގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ރެއާލް މެޑްރިޑަށް ބަދަލުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސްޕެއިންގެ ޕަބްލިކް ސާވިސް ބްރޮޑްކާސްޓިންގެ ޓީވީ އެސްޕެނާލޯ ނުވަތަ ޓީވީއީ ރިޕޯޓްކޮށްފައިވާ ގޮތުގައި ރެއާލްއާއި ކަސިއަސްއާ ދެމެދު ޓީމް ދޫކޮށްލުމަށް އެއްބަސްވުމަކަށް އާދެވިފައިވާކަމަށެވެ.

'ޓީވީއީ'އިން އިތުރަށް ބުނެފައިވަނީ ކަސިއަސްއާއެކު އެއްބަސްވުމަށް އާދެވިފައި ވަނީ މިދިޔަ ސީޒަނަށްފަހު ކޮންޓްރެކްޓް އުވާލުމަށެވެ. ރެއާލްއާއެކު ކަސިއަސް ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ދެއަހަރު އެބަ އޮތެވެ.

ސްޕެއިންގެ މަޝްހޫރު ކުޅިވަރު ނޫސް، މާސާއިން ބުނެފައިވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ސްޕެއިންގެ ގައުމީ ޓީމްގެ ގޯލް ކީޕަރު ޑެހާއާ ރެއާލްއަށް އައުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި އަދި އެކަމަށް ވަގުތު ކައިރިވަމުން އަންނަ ކަމަށެވެ.

މާސާއިން ކުރިން ބުނެފައިވަނީ ޑެހެއާ ދޫކޮށްލަން ޔުނައިޓެޑުން އެއްބަސްވަނީ 30 މިލިއަން ޔުރޯއަށް ކަމަށާއި އޭގެތެރެއިން 25 މިލިއަން ޔޫރޯ ހުށަހެޅުމަށް މިހާރުވެސް ރެއާލްއިން ތައްޔާރަށް އޮތް ކަމަށެވެ. އަދި ބާކީ ފަސް މިލިއަން ޔޫރޯ އެހެން މަރުހަލާއެއްގައި ހަވާލުކުރުމަށް ރެއާލުން ހުށަހަޅާފައިވާ ކަމަށެވެ.

އުމުރުން 34 އަހަރުގެ ކަސިއަސް މީގެ ކުރިން ބުނެފައިވަނީ އޭނާ ފުޓްބޯޅައިގެ ހަޔާތް ނިންމާލަން ބޭނުންވަނީ ރެއާލް މެޑްރިޑްގައި ކަމަށާއި ކުލަބުންވެސް އެގޮތަށް ބޭނުންވާ ކަމަށެވެ.

އުމުރުން 9 އަހަރުގައި ރެއާލްގެ ޒުވާން ޓީމާ ގުޅުނު ކަސިއަސް ވަނީ ރެއާލްގެ ސީނިއާ ޓީމްގައި 16 އަހަރު ވަންދެން ކުޅެފައެވެ. ކަސިއަސްއަކީ އަދިވެސް ސްޕެއިންގެ ގައުމީ ކޯޗް ޑެލްބޮސްކޭ އެންމެ އިތުބާރު ކުރާ ކީޕަރެވެ.

އިނގިރޭސިވިލާތުގެ ޑެއިލީ މިރާއިން ބުނެފައިވަނީ ޑެހެއާ ނެތްތަން ފޫބެއްދުމަށް ޔުނައިޓަޑުން ކީޕަރަކު ގެންނަން ތައްޔާރުވާ ކަމަށާއި އެއީ އަޔަކްސްއަށް ކުޅެމުންދާ ހޮލެންޑްގެ ގައުމީ ޓީމްގެ ގޯލްކީޕަރު ޖެސްޕާ ސިލެސަން ކަމަށެވެ.

ސިލެސަން އަކީ ޔުނައިޓެޑްގެ މިހާރުގެ ކޯޗް ހޮލެންޑްގެ ލުއިސް ވެންހާލްގެ އިރުޝާދުގެ ދަށުން މިދިޔަ ވޯލްޑް ކަޕްގައި ހޮލެންޑްގެ ޓީމްގައި ކުޅެފައިވާ ކުޅުންތެރިޔެކެވެ.

ހޮލެންޑްގެ ގައުމީ ޓީމްގެ ގޯލް ކީޕަރު ޖެސްޕާ ސިލެސަން (ކ) އާއި ގައުމީ ޓީމްގައި އޭނާއަށް ކޯޗްކޮށްދިން މިހާރު މެންޔޫގެ ކޯޗް ލުއިސް ވެންހާލް: ޑެހެއާގެ ބަދަލުގައި ސިލެސަން އެޓީމަށް ގެނައުމުގެ ވާހަކަތައް ވަނީ ދެކެވިފައި --- ފޮޓޯ/ ރޮއިޓަސް

މިރާއިން ބުނެފައިވަނީ އުމުރުން 26 އަހަރުގެ ސިލެސަން، ޔުނައިޓެޑަށް ގެނައުމާ މެދު އެޓީމްގެ މެނޭޖުމެންޓުން އާނބަސް ބުނެފައިވާ ކަމަށެވެ.

ޔޫރޯ ސްޕޯޓްސްއިން ބުނެފައިވަނީ ރެއާލްއިން ކަސިއަސް ވިއްކާލާއިރު އޭނާ ގަތުމަށް ދިހަ ކުލަބަކުން ތައްޔާރަށް އެބައޮތް ކަމަށެވެ. އޭގެ ތެރޭގައި އާސެނަލްގެ އިތުރުން ތުރުކީގެ ފެނަބާޗޭވެސް ވެސް ހިމެނޭކަމަށް ޔޫރޯ ސްޕޯޓްސްއިން ބުނެއެވެ.