ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރުގައި ތ. ކަޅުފަހަލަފުއްޓާއި އެއަތޮޅު އޮޅުގިރި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

ތ.ވިލުފުށީ ފުޓުސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ އެ ދެ ރަށުގެ ތެރެއިން ކަޅުފަހަލަފުށި ތަރައްގީ ކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެ ކަމަށެވެ.

"ކަޅުފަހަލަފުށި އެތައް ސަރުކާރަކުން ނުވެއޮތްކަމެއް މިސަރުކާރުން މިވަނީ އަނބުރާ ސަރުކާރަށް ނަގާ އެތައް ހެދޭނެ ވަރުގެ ބަޔަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސޮއިކޮށް މިއަހަރު މަސައްކަތް ފަށައި އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ކަޅުފަހަލަފުށިވެސް ދާނީ ތަރައްގީވެގެން. އޮޕަރޭޝަނަލް ރިސޯޓަކަށް ވާނެ،" އަދީބް ވިދާޅުވިއެވެ.

ހަތް ކިލޯމީޓަރުގެ ކަޅުފަހަލަފުއްޓަށް މަދުވެގެން 2000 ވަރަކަށް މުވައްޒަފުން ބޭނުންވާއިރު އޮޅުގިރި އާއި ދެރަށް ތަރައްގީ ކުރެވުމުން އެތައް ވަޒީފާއެއް ތައާރަފްވެގެން ދާނެ ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ މިިފަސްއަހަރު ތެރޭ ރެކޯޑު އަދަދަކަށް ޒުވާނުން ވަޒީފާތަކަށް ނެރެ ޒުވާނުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ ކަމަށެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ދިގު މުއްދަތަކަށް އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ތ. ކަނިމީދޫ ދައުލަތަށް ނަގައި، އެ ރަށުގައި ރިސޯޓެއް ހަދާނެ ކަމަށް ރޭ އަދީބު ވަނީ ވިދާޅުވެފައެވެ.