ގދ. ތިނަދޫގައި މިއަދު 11 މަހުގެ ތުއްތު ކުއްޖަކު މަރުވެފައިވަނީ ފިޓު ޖެހިގެން ކަމަށް އެކުއްޖާގެ ބައްޕަ ބުނެފިއެވެ.

އުމުރުން 11 މަހުގެ އެކުއްޖާގެ ބައްޕަ ގދ. ގައްދޫ، ވާމުގޭ އަބްދުﷲ ޝާހިދު، މިރޭ ސަން އަށް ބުނީ އޭނާގެ އަލަތު ދަރިފުޅު މިއަދު މަރުވެފައިވަނީ ފިޓް ޖެހިގެން އެހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ.

"ދަރިފުޅަށް ފިޓް ޖެހިގެން ނިޔާވެފައިވަނީ. ހޮސްޕިޓަލަށް ގެންދިޔައިރު ކުއްޖާގެ ވިންދު ހުރި، އެތަނުން ފަރުވާ ކުރުމުގެ ތެރޭގައި މަރުވެފައި ވަނީ،" ޝަހިދު ބުންޏެވެ.

ޝާހިދު ބުނީ އޭނާގެ އެދަރިފުޅުގެ އުމުރުން ހަތް މަހުން ފެށިގެން ފިޓު ޖެހެމުން ދިޔަ ކަމަށެވެ. އެގޮތުން ޖުމްލަ ތިން ފަހަރު ފިޓު ޖެހުނު ކަމަށާއި އެއިންކޮންމެ ފަހަރަކުވެސް ޑޮކްޓަރަށް ދައްކާކަމަށް ޝާހިދު ބުންޏެވެ.

ކުއްޖާ މަރުވީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ކަމަށް އެކުއްޖާގެ ބައްޕަ ބުނިނަމަވެސް އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެކަން ދޮގުކުރެއެެވެ.

އެ ހޮސްޕިޓަލްގެ އެސިސްޓެންޓް މެނޭޖަރު އައިމިނަތު އަބްދުލްހަކީމް މިރޭ ސަން އަށް ވިދާޅުވީ އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި އެކުއްޖާގެ ގައިން ފިޓުޖެހިފައިވާކަމުގެ އަލާމާތެއް ފެންނަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިކޮަޅަށް ގެނައިއިރުވެސް އޮތީ މަރުވެފައި. އާއިލާއިން ބުނަނީ ފިޓް ޖެހިފައި ކަމަށް. އެހެންނަމަވެސް ފިޓްޖެހުނު ކަމުގެ އަލާމާތެއް ފެންނާކަށް ނެތް." އައިމިނަތު ވިދާޅުވިއެވެ.

އެކުއްޖާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަންނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔައިރު އެކުއްޖާ މަރުވެފައި ވާތީ އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.

ފުލުހުން ބޭނުންވާ ސާންޕަލްތައް ނެގުމަށްފަހު އެކުއްޖާ މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.